Tuesday, 28 July 2026

މި އަހަރުގެ އެއް މިލިއަން ވަނަ ފަތުރުވެރިޔާ ރާއްޖެ އަތުވެއްޖެ

މި އަހަރުގެ އެއް މިލިއަން ވަނަ ފަތުރުވެރިޔާ މިއަދު ރާއްޖެ އައުމުން އޭނާއަށް ހޫނު މަރުހަބާއެއް ކިޔައި ހަރަކާތްތަކެއް ހިންގައިފި އެވެ.

މި އަހަރުގެ އެއް މިލިއަން ވަނަ ފަތުރުވެރިޔާ އަކީ ސްޕެއިންގެ އަލްމުތޭނާ އެސްޕަރްޒާ އެވެ. އޭނާ ރާއްޖެ އައީ ގަތަރު އެއާވޭސްގެ ފްލައިޓެއްގައި މިއަދު މެންދުރުފަހު އެވެ.

އޭނާއަށް މަރުހަބާ ދަންނަވަން ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓްގައި ޓުއަރިޒަމް މިނިސްޓަރު މުހައްމަދު އަމީނާއި އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝިއުރީ ވެސް ހުންނެވި އެވެ.

މި އަހަރު އެއްމިލިއަން ވަނަ ފަތުރުވެރިޔާ ރާއްޖެ އައީ މިދިޔަ އަހަރަށް ވުރެ ލަހުންނެވެ. މިދިޔަ އަހަރު ޖޫން މަހުގެ ހަތްވަނަ ދުވަހު، އެއް މިލިއަން ވަނަ ފަތުރުވެރިޔާ އައިސްފައިވެ އެވެ.

މެދުއިރުމަތީގައި ހިނގަމުން ދިޔަ ހަނގުރާމައިގެ ސަބަބުން އެ ސަރަހައްދުގެ ގައުމުތަކުގެ ރާސްތާއިން ރާއްޖެ އަންނަ ފަތުރުވެރިން މަދުވެގެން ދިޔަ އެވެ. ރާއްޖެ އަންނަ ފަތުރުވެރިންގެ %40 އެއީ މެދުއިރުމަތީގެ ގައުމުތަކުގައި ޓްރާންޝިޓްވެގެން އަންނަ މީހުންނެވެ.

ޓުއަރިޒަމް މިނިސްޓަރު އަމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިދިޔަ އަހަރު ވެސް އެއް މިލިއަން ފަތުރުވެރިންގެ ލަނޑުދަނޑި ހާސިލްކުރި މަހުގައި މި އަހަރު ވެސް ހާސިލްވީ މުޅި ޓުއަރިޒަމް ސެކްޓަރާއި އެއާލައިންތަކުން ކުރި ބުރަ މަސައްކަތުގެ ސަބަބުން ކަމަށެވެ.

މި އަހަރު ސަރުކާރުން ކަނޑައެޅި އަމާޒަކީ 2.5 މިލިއަން ފަތުރުވެރިންނެވެ. އެ އަމާޒު ހާސިލްކުރަން ދަތިވާނެ އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *