Tuesday, 28 July 2026
ނޫސްވެރިންގެ ބައްދަލުވުމުގައި ފަތުވެރިކަމުގެ ވަޒީރު އަމީން-- ފޮޓޯ: ރައީސް އޮފީސް

ސަރުކާރުން ދޭން ޖެހޭ ފައިސާ އުނިކޮށްފައި ސަރުކާރު ކުންފުނިތަކަށް ރިސޯޓް ދޫކުރެވޭ ގަވާއިދެއް ހަދައިފި

ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ރިސޯޓް ތަރައްގީކުރަން ރަށްރަށާއި ފަޅުތައް ދޫކުރުމުގައި، ސަރުކާރުން ދޭން ޖެހޭ ފައިސާ އުނިކުރުމަށްފަހު އެ ތަނެއް އެ ކުންފުންޏަކަށް ދޫކުރެވޭ ގޮތަށް ގަވާއިދެއް ހަދައި، މިދިޔަ ބުރާސްފަތި ދުވަހު ސަރުކާރުގެ ގެޒެޓްގައި ޝާއިއުކޮށްފި އެވެ.

އެ ގަވާއިދުގައި ބުނާ ގޮތުން ރިސޯޓެއް ތަރައްގީކޮށް ހިންގުމަށް ރަށެއް ނުވަތަ ފަޅެއް ކުއްޔަށް ދޫކުރާއިރު ސަރުކާރަށް ދައްކަން ޖެހޭ ލީސް އެކުއިޒިޝަން ކޮސްޓް ނުވަތަ އަގު ސަރުކާރު ހިއްސާވާ ކުންފުންޏަކަށް ދޫކުރާއިރު ކަނޑައާޅާނީ ވެސް ޓުއަރިޒަމް މިނިސްޓްރީންނެވެ. އެ ފައިސާ މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ)އަށް އެއްފަހަރާ ދައްކަން ޖެހޭނެ ކަމަށް ވެސް އެ ގަވާއިދުގައިވެ އެވެ.

އެހެން ނަމަވެސް އެ އަގުން، ސަރުކާރުން އެ ކުންފުންޏަކަށް ދައްކަން ޖެހޭ ފައިސާއިން އަޅައިކަނޑައިދިނުމަށް އެދި ހުށަހަޅައިފިނަމަ އެ ކަމެއް އެ ގޮތަށް ކުރެވޭނެ ކަމަށް އެ ގަވާއިދުގައިވެ އެވެ. އެ ގޮތަށް އެދޭ ހާލަތުގައި، ފިނޭންސް މިިނިސްޓްރީން ކަށަވަރުކޮށްފައިވާ އަދަދެއް އެނގޭނެ ލިޔުމެއް ޓުއަރިޒަމް މިނިސްޓްރީއަށް ހުށަހަޅަން ޖެހޭނެ ކަމަށް ބުނެފައިވެ އެވެ.

މި ގޮތަށް ރަށެއް ނުވަތަ ރިސޯޓެއް ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ދޫކުރާ ހާލަތުގައި، 500،000 އެމެރިކާ ޑޮލަރު ޓޫރިސްޓު ޓްރަސްޓް ފަންޑަށް ޖަމާކުރުމަށް ޝަރުތުކުރެވިދާނެ ކަން ގަވާއިދުގައިވެ އެވެ. ނުވަތަ އެ އަގަށްވާ ވަރަށް ހަތަރު ބާވަތެއްގެ މަޝްރޫއުތަކަށް ހަރަދުކުރުމަށް ވެސް ޝަރުތުކުރެވިދާނެ ކަމަށް ގަވާއިދުގައި ބުނެފައިވެ އެވެ. އެއީ:

  1. މީހުން ދިރިއުޅޭ ރަށްރަށުގައި އިޖުތިމާއީ މަރުކަޒުތައް ބިނާކުރުމަށް
  2. އިންސާނީ ވަސީލަތްތައް ބިނާކުރާ ޕްރޮޖެކްޓްތަކަށް
  3. ޓާފް ދަނޑުތަކާއި ފުޓުބޯޅަ ދަނޑުތައް ހެދުމަށް
  4. ދަތުރުވެރިންގެ ހިޔާ ހެދުމަށް

ސަރުކާރު ކުންފުނިތަކަށް ރިސޯޓް ތަރައްގީކުރަން ހަވާލުކުރާ މަޝްރޫއުތަކުގައި ސަބްލީސް ކުރުން މަނާކޮށްފައިވެ އެވެ. ނަމަވެސް ރިސޯޓް ތަރައްގީކުރުމަށްފަހު މެނޭޖުމަންޓް އެއްބަސްވުމެއްގެ ދަށުން، ރިސޯޓް ހިންގަން އެހެން ބަޔަކާ ހަވާލުކުރެވިދާނެ ކަމަށް ގަވާއިދުގައިވެ އެވެ.

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *