ހުޅުމާލެ ފޭސް ދޭއްގެ ފިހާރައަކަށް ތޫނު ހަތިޔާރު ހިފައިގެން މީހަކު ވަދެ މާރާމާރީ ހިންގި މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފި އެވެ.
އެ ފިހާރައިގެ ސީސީޓީވީ ވީޑިއޯ ފުޓޭޖު ސޯޝަލް މީޑިއާގައި ދައުރުވަމުން ދަނިކޮށް، ފުލުހުން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ އެ މައްސަލަ ފުލުހަށް ރިޕޯޓްކުރީ މިއަދުގެ ވަގުތެއްގައި ކަމަށެވެ.
މި މައްސަލައާ ގުޅިގެން ދިވެހި ފިރިހެނަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށް ބުނި ނަމަވެސް އެ މީހާގެ ވަނަވަރު ފުލުުހުން އަދި އާންމެއް ނުކުރެ އެވެ. ފުލުހުން މިހާރު ގެންގުޅޭ އުސޫލަކީ ކޮންމެ ކުށެއްގައި ހައްޔަރުކުރެވޭ މީހުންގެ ވަނަވަރު އާންމުކުރުން ކަމަށްވާތީ، މި މީހާގެ ވަނަވަރު ވެސް ފުލުހުން އަދި އާންމު ކުރާނެ ކަމަށް ބެލެވެ އެވެ.
ފުލުހުން ބުނި ގޮތުގައި މި މައްސަލަ ދަނީ އިތުރަށް ތަހުގީގުކުރަމުންނެވެ.
މައުލޫމާތު ލިބޭ ގޮތުގައި ރޭގެ މެންދަމު ވަގުތެއްގައި މި ހާދިސާ ހިނގީ އެމްއޭސީއެލް ޓަވަރު ބީގައި ހުންނަ ފިހާރައެއްގަ އެވެ.


