މި ހަރަކާތަކީ ރާއްޖޭގައި ހުންނަ އިންޑިއާގެ ހައިކޮމިޝަނާއި، ދިވެހިރާއްޖޭގެ ފޮރިން މިނިސްޓްރީއާއި، ބައިކް މޯލްޑިވްސްގެ އިތުރުން ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގުޅިގެން އިންތިޒާމުކުރި ހަރަކާތެކެވެ. މި ހަރަކާތުގައި އިންޑިއާގެ ހައިކޮމިޝަނަރ އެޗް.އީ ޝްރީ ޖީ. ބަލަސުބްރަމަނިއަމް ވެސް ބައިވެރިވެވަޑައިގެންނެވިއެވެ. މި ބައިސްކަލް ބުރުގެ މައިގަނޑު މަގްސަދަކީ ދެ ގައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގުޅުން ރަމްޒުކޮށްދިނުމާއި ތިމާވެއްޓާ ރައްޓެހި ދިރިއުޅުމަކަށް ބާރުއެޅުމެވެ.
މި ހަރަކާތް ކުރިއަށް ގެންގޮސްފައިވަނީ އިންޑިއާ ސަރުކާރުން އިސްނަގައިގެން ކުރިއަށްގެންދާ "މިޝަން ލައިފް" (ލައިފް ސްޓައިލް ފޯ އެންވަޔަރމަންޓް) ދަށުންނެވެ. މި މިޝަނަކީ ތިމާވެށި ހިމާޔަތްކުރުމަށްޓަކައި އާންމު ދިރިއުޅުމުގެ އާދަކާދަތަކަށް ބަދަލު ގެނައުމަށް ބާރުއަޅާ ބައިނަލްއަގުވާމީ ހަރަކާތެކެވެ.
ހުޅުމާލޭގެ މަގުތަކުގައި ބޭއްވުނު މި ބައިސްކަލް ބުރުގައި ގިނަ އަދަދެއްގެ މީހުން ބައިވެރިވެފައިވާއިރު، މިއީ #އިންޑިއާމޯލްޑިވްސްއެޓް60 ގެ ނަމުގައި ކުރިއަށްގެންދާ ސިލްސިލާ ހަރަކާތްތަކުގެ ތެރެއިން މުހިންމު އެއް ހަރަކާތެވެ.


