ހުޅުމާލޭގައި ހިންގާ ގަރާޖުތައް ބަލައި ފާސްކުރުމަށް މިދިޔަ ހޯމަ ދުވަހު ހިންގި ހާއްސަ އޮޕަރޭޝަނެއްގައި، ގަވާއިދާ ހިލާފަށް އުޅެމުންދިޔަ 12 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ. މިއީ ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމަށް މޯލްޑިވްސް އިމިގްރޭޝަނުން ސިލްސިލާކޮށް ކުރިއަށްގެންދާ މަސައްކަތްތަކުގެ ތެރެއިން ހިންގި އޮޕަރޭޝަނެކެވެ.
މި އޮޕަރޭޝަންގައި ހުޅުމާލޭގެ އެކި ގަރާޖުތަކުގައި މަސައްކަތް ކުރަމުންދިޔަ ޖުމްލަ 20 ބިދޭސީއަކު ބަލައި ފާސްކޮށްފައިވާ ކަމަށް އިމިގްރޭޝަނުން މައުލޫމާތު ދެއެވެ. އޭގެ ތެރެއިން އިދާރާގެ ބެލުމުގެ ދަށަށް ގެންދިޔަ 12 މީހުންނަކީ ރާއްޖޭގައި އުޅުމުގެ ސައްހަ ވިސާއެއް ނެތް މީހުންނާއި، ކަނޑައެޅިފައިވާ ގަވާއިދުތަކާ ހިލާފަށް މަސައްކަތް ކުރަމުންދިޔަ މީހުން ކަމަށް އެ އިދާރާއިން ފާހަގަކޮށްފައިވެއެވެ.
ސަރުކާރުގެ ކަމާބެހޭ އިދާރާތައް ގުޅިގެން އުފައްދާފައިވާ ހާއްސަ ޓާސްކް ފޯސްއިން ދަނީ މާލެ ސަރަހައްދުގެ އެކި ތަންތަން ބަލައި ފާސްކޮށް، ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ދެނެގަތުމުގެ މަސައްކަތް ހުއްޓުމެއް ނެތި ކުރަމުންނެވެ. މިގޮތުން އަތުލައިގަނެވޭ ބިދޭސީންނާމެދު ގާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގެ މަސައްކަތް މިހާރު ދަނީ ކުރެވެމުންނެވެ.
ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ދަށުން، މިހާތަނަށް 12,000 އަށްވުރެ ގިނަ ބިދޭސީން ވަނީ ޑީޕޯޓުކޮށްފައެވެ.


