ކަނޑުމަގުން ރާއްޖެ އެތެރެކުރި މުދާ ޝިޕްމަންޓެއްގެ ތެރޭގައި ފޮރުވައިގެން ގެނައި 5,600 ވޭޕް ކާޓްރިޖް މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން އަތުލައިގަނެފިއެވެ. މި ތަކެތި އަތުލައިގަނެފައިވަނީ މި ޖޫން މަހުގެ 17 ވަނަ ދުވަހު މާލޭ ކޮމާޝަލް ހާބަރުގައި ހިންގި ހާއްސަ އޮޕަރޭޝަނެއްގައި، "ޖެނެރަލް ކާގޯ" ނުވަތަ އާންމު މުދަލުގެ ގޮތުގައި ޑިކްލެއާކޮށްފައިވާ ޝިޕްމަންޓެއް ބަލައި ފާސްކުރުމުގެ ތެރޭގައެވެ.
ކަސްޓަމްސްއިން ބުނި ގޮތުގައި، މި ޝިޕްމަންޓް ބަލައި ފާސްކުރީ އޭގެ ތެރޭގައި ގާނޫނާ ހިލާފު ތަކެތި ހުރެދާނެ ކަމަށް ޝައްކު ކުރެވިގެންނެވެ.
މި މަހުގެ ކުރީކޮޅު ވެސް ކަސްޓަމްސްއިން ވަނީ ޗިޕްސް ދަޅުތަކެއްގެ ތެރޭގައި ފޮރުވައިގެން އެތެރެކުރަން އުޅުނު 1,108 ވޭޕް ކާޓްރިޖާއި 27 ވޭޕް ޑިވައިސް އަތުލައިގަނެފައެވެ. ގަވާއިދާ ހިލާފަށް މި ތަކެތި އެތެރެކުރި މައްސަލަ ކަސްޓަމްސްއިން މިހާރު ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.
ދުންފަތުގެ އިސްތިއުމާލު ކުރުން ހުއްޓުވުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ދަށުން، 15 ޑިސެމްބަރު 2024 އިން ފެށިގެން ރާއްޖޭގައި ވޭޕް ބޭނުންކުރުމާއި އޭގެ ވިޔަފާރިކުރުން ވަނީ މުޅިން މަނާކޮށްފައެވެ. ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ގާނޫނަށް ގެނައި މި އިސްލާހާއެކު، ވޭޕްގެ ބާވަތްތައް އެތެރެކުރުމާއި ވިއްކުމަކީ ބޮޑެތި ޖޫރިމަނާތަކެއް އަންނާނެ ކުށެކެވެ.


