Tuesday, 28 July 2026
އެމްޑީޕީ ޤައުމީ މަޖިލީހުގެ 4 ވަނަ ދައުރުގެ 35 ވަނަ ބައްދަލުވުން ކުރިއަށްދަނީ. -- ފޮޓޯ: އެމްޑީޕީ

ގާނޫނާ ހިލާފަށް ސަރުކާރު ވައްޓާލުމުގެ ވިސްނުމެއް އެމްޑީޕީގެ ނެތް: ރައީސް ނަޝީދު

ގާނޫނާ ހިލާފަށް ސަރުކާރު ވައްޓާލުމުގެ އެއްވެސް ނިޔަތެއް އެމްޑީޕީގެ ނެތް ކަމަށާއި، ނަމަވެސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އަމަލުތައް ހުރިގޮތުން އެމަނިކުފާނު އަމިއްލަފުޅަށް ވެރިކަމުން ވެއްޓިވަޑައިގަތުމަކީ ވަރަށް ގާތް ކަމެއް ކަމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ ޗެއާޕާސަން މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ސަންގުޓީވީގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން ނަޝީދު ވިދާޅުވީ އެމްޑީޕީގެ ހަރަކާތްތައް އަބަދުވެސް ކުރިއަށްދާނީ ގާނޫނީ އިމުގެ ތެރެއިން ކަމަށެވެ.

ރައީސް ނަޝީދު ފާހަގަކުރެއްވި ގޮތުގައި ރައީސް މުއިއްޒު މިހާރު ހުންނެވީ ސިޔާސީގޮތުން ވަރަށް ބޮޑަށް އެކަނިވެރިވެފައެވެ. ސަރުކާރު ހިންގުމުގައި އިސް ބޭފުޅުންގެ މަޝްވަރާ ނުހޯއްދަވާކަން ފާހަގަކުރައްވައި، ނަޝީދު ވިދާޅުވީ ކުރީގެ ރައީސް ޔާމީނާއި ގައްސާން މައުމޫނާ މެދު ކަންތައް ކުރެއްވި ގޮތުން ރައީސްގެ ބޭވަފާތެރިކަން ރައްޔިތުންނަށް ހާމަވެފައިވާ ކަމަށެވެ.

"އަޅުގަނޑުމެނެއް ނޫޅެން ގާނޫނާ ހިލާފަށް ސަރުކާރު ވައްޓާލާކަށް. އެހެންނަމަވެސް އެބޭފުޅާ އަމިއްލަޔަށް ވެއްޓިވަޑައިގަތުމަކީ ވަރަށް ގާތް ކަމެއް،" ނަޝީދު ވިދާޅުވިއެވެ.

ޕާޓީގެ ކުރިއަށް ހުރި ހަރަކާތްތަކާ ގުޅޭގޮތުން ވާހަކަދައްކަވަމުން ނަޝީދު ވިދާޅުވީ އެމްޑީޕީ ވަރުގަދަކުރުމަށް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ޖަލްސާތަކާއި ވޯކްޝޮޕްތައް ބާއްވާނެ ކަމަށެވެ. އެގޮތުން މާދަމާ ރޭ ބޭއްވުމަށް ހަމަޖެހިފައިވާ "ވަޒީފާ ބުރާސްފަތި" އިހުތިޖާޖަކީ ރައްޔިތުންގެ ކަންބޮޑުވުންތައް ފާޅުކުރުމަށް ބާއްވާ ސުލްހަވެރި ހަރަކާތެއް ކަމަށާއި، އެކަމަށް ސަރުކާރުން ހުރަސްނާޅާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *