Tuesday, 28 July 2026
ފަހި ދިރިއުޅުން ކޯޕަރޭޝަނުން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އެޅި ފްލެޓެއް -- ފޮޓޯ: މިހާރު

"ބޯހިޔާވަހިކަން އެންމެނަށް" ސިޔާސަތުގެ ދަށުން ފުލެޓާއި ގޯއްޗަށް އެދި ބައިލައްކައަށްވުރެ ގިނަ އެޕްލިކޭޝަން ހުށަހަޅައިފި

މާލެ ސަރަހައްދުގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ހޯދުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން އިފްތިތާހްކުރި "ބޯހިޔާވަހިކަން އެންމެނަށް" ސިޔާސަތުގެ ދަށުން ގޯއްޗާއި ފްލެޓަށް އެދުމުގެ ފުރުސަތު ބަންދުވިއިރު، ބައިލައްކައަށްވުރެ ގިނަ މީހުން ކުރިމަތިލާފައިވާކަމަށް ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްގީއާ ބެހޭ މިނިސްޓްރީން ހާމަކުރައްވައިފިއެވެ.

ސަރުކާރުގެ "ބޯހިޔާވަހިކަން އެންމެނަށް" ސިޔާސަތުގެ ދަށުން ބޯހިޔާވަހިކަމުގެ ފުރަތަމަ ސްކީމަށް ހުށަހެޅުމަށް ހުޅުވާލީ މިދިޔަ ޖެނުއަރީ މަހުގައެވެ. ފުރަތަމަ ހުޅުވާލިއިރު މިސްކީމްގެ ދަށުން ގޯއްޗަށް އެދި ހުށަހެޅުމުގެ މުއްދަތު ހަމަވާން އޮތީ މާރިޗު މަހުގެ 4ވަނަ ދުވަހުގެ ނިޔަލަށެވެ. އަދި ފެލްޓަށް އެދި ހުށަހެޅޭނީ އޭޕްރީލް މަހުގެ 17ވަނަ ދުވަހުގެ ނިޔަލަށެވެ. ނަމަވެސް ގެދޮރުވެރިކަމާބެހޭ މިނިސްޓްރީން ވަނީ އެކި ފަހަރު މަތިން މުއްދަތު އިތުރުކޮށްދީފައެވެ.

އެ މިނިސްޓްރީއިން އާންމުކުރި އެންމެ ފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، މި ފަހަރުގެ ސްކީމަށް ޖުމްލަ 58،505 އެޕްލިކޭޝަން ވަނީ ލިބިފައެވެ. މީގެ ތެރޭގައި އެންމެ ގިނައީ ފްލެޓަށް އެދި ހުށަހެޅި ފަރާތްތަކެވެ. އެގޮތުން 35،930 މީހަކު ފްލެޓަށް ކުރިމަތިލާފައިވާއިރު، ގޯއްޗަށް އެދި ހުށަހަޅާފައިވަނީ 22،575 މީހުންނެވެ.

މި ސްކީމުގެ ދަށުން ގްރޭޓަރ މާލެ ސަރަހައްދުންނާއި ރަސްމާލެ ހިމެނޭހެން 15,000 ގޯތި ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ.

މީގެ އިތުރުން މާލެ ސަރަޙައްދުން 7,900 ފްލެޓް ދޫކުރުމަށްވެސް ސަރުކާރުން ވަނީ ނިންމާފައެވެ. އަދި ފްލެޓް ދޫކުރުމުގައި މާލޭގެ ރަށްވެހިންނަށް 4,000 ފްލެޓް، މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ މީހުންނަށް 1,500 ފްލެޓް އަދި ޚާއްޞަ އިސްކަންދޭ ކެޓަގަރީތަކަށް 2,400 ފްލެޓް ވަނީ ކަނޑައަޅާފައެވެ.

ގޯތި ދޫކުރުމުގައި މާލޭގެ ރަށްވެހިންނަށް 10,000 ގޯތި، މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ މީހުންނަށް 3,000 ގޯތި، އަދި މައިމުޅަވެފައިވާ މީހުންނަށް 500 ގޯތި ހިމެނެއެވެ. މީގެ އިތުރުން މާލޭގެ ހަނި ގޯޅިތަކުގައި ހުރި ގޯތިތަކާއި ލާޖައްސައިގެން ގޯތި ބަދަލުކުރާ ފަރާތްތަކަށް 1,500 ގޯތި ވަނީ ޚާއްޞަކޮށްފައެވެ. އަދި ކުރީގެ ސްކީމަކުން 1 ނުވަތަ 2 ކޮޓަރީގެ ފްލެޓް ލިބިފައިވާ މީހުންގެ ތެރެއިން ދަރިން ތިބި މިންވަރަށް ބަލައި، ވަކި ޝަރުތުތަކަކާއެކު 3 ކޮޓަރީގެ ފްލެޓަށް އެދި ހުށައެޅުމުގެ ފުރުޞަތު މިސްކީމުގެ ދަށުން ލިބިގެންދާނެއެވެ.

މިދިޔަ ޖެނުއަރީ މަހު ހުޅުވާލި މި ފުރުސަތުގައި، "ބޯހިޔާވަހިކަން" ޕޯޓަލްއަށް ދިމާވި ފަންނީ ބައެއް މައްސަލަތަކާ ގުޅިގެން ސަރުކާރުން ވަނީ އެކި ފަހަރު މަތިން ސުންގަޑި އިތުރުކޮށްދީފައެވެ. އެންމެ ފަހުން މި ފުރުސަތު ބަންދުކޮށްފައިވަނީ މި މަހުގެ 15 ވަނަ ދުވަހުގެ ރޭ ދަންވަރު 2:00 ގައެވެ.

މި ފަހަރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތަށް ގެނެވުނު މުހިންމު ބަދަލުތަކުގެ ތެރޭގައި، ދެމަފިރިންގެ ތެރެއިން އެކަކުގެ ނަމުގައި ބޯހިޔާވަހިކަމެއް އޮތް ނަމަވެސް އަނެކާއަށް ކުރިމަތިލެވޭ ގޮތް ހެދުމާއި، ކުރިން ޖޮއިންޓްކޮށް ގޯތި ލިބިފައިވާ ފަރާތްތަކަށް އެ ދޫކޮށްލުމަށްފަހު ވަކިން ކުރިމަތިލުމުގެ ފުރުސަތު ދިނުން ހިމެނެއެވެ. އަދި ކުރީގެ ސްކީމަކުން 1 ނުވަތަ 2 ކޮޓަރީގެ ފްލެޓްތައް ލިބިފައިވާ އާއިލާތަކުގެ ހާލަތައް ބަލައި ވަކި ޝަރުތުތަކަކާއެކު 3 ކޮޓަރީގެ ފްލެޓަށް ބަދަލުވުމުގެ ފުރުސަތުވެސް ވަނީ ފަހިކޮށްދީފައެވެ.

 

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *