ވޭތުވެދިޔަ ހަފްތާގެ ތެރޭގައި މާލެ ސަރަހައްދުން ހިމަބިހި ނުވަތަ މީސްލްސްގެ އިތުރު 5 ކޭސް ފެނިފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހާމަކޮށްފިއެވެ.
ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން އާންމުކުރި މައުލޫމާތުގައިވަނީ، މިއަހަރުގެ މިހާތަނަށް ހިމަބިހި ޖެހުނު މީހުންގެ އަދަދު ވިއްސަށް އިތުރުވެއްޖެ ކަމަށެވެ. ހިމަބިއްސަށް ފައްސިވި މީހުންގެ ތެރޭ ގިނައީ 18އަހަރުން މަތީ މީހުން ކަމަށް، އެޗްޕީއޭއިން ބުންޏެވެ.
ހިމަބިއްސަށް ފައްސިވި މީހުންގެ ތެރޭ ގިނައީ ދިވެހިން ކަމަށް އެޗްޕީއޭއިން ބުނި ނަމަވެސް، ސީދާ ޖެހުނީ ކިތައް ދިވެހިންނަށްކަން ހާމަ ނުކުރެއެވެ. އަދި މިހާތަނަށް ހިމަބިއްސަށް ފައްސިވީ މީހުންގެ ތެރޭ ޖުމުލަ 489 ކޮންޓެކްޓެއް ފާހަގަކުރެވިފައިވާ ކަމަށާއި، އޭގެ ތެރެއިން 88 ކޮންޓެކްޓެއް ގާތުން ބަލަމުން އަންނަ ކަމަށް، އެޗްޕީއޭއިން ބުންޏެވެ.
ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށާއި އާންމުންގެ ރައްކާތެރިކަމަށްޓަކައި އެޗްޕީއޭ އިން ވަނީ ހާއްސަ އިލްތިމާސްތަކެއް ކޮށްފައެވެ. އެގޮތުން، ހުންއައުމާއެކު ހަންގަނޑުގައި ރަތް ބިހިތަކެއް ނެގުން ފަދަ ހިމަބިހީގެ އަލާމާތެއް ފެންނަނަމަ، ލަސްނުކޮށް ސިއްހީ ފަރުވާ ހޯދުމަށް އެ އިދާރާއިން އިރުޝާދު ދެއެވެ.
ބަލި ފެތުރުން ހުއްޓުވުމަށްޓަކައި އެޗްޕީއޭ އިން އަންގާފައިވާ މުހިންމު ކަންތައްތަކުގެ ތެރޭގައި:
- ހުން އައިސް ގައިގައި ރަތް ބިހިތަކެއް ނަގައިފިނަމަ ލަސްނުކޮށް ސިއްހީ ފަރުވާ ހޯދުން.
- ބަލީގެ އަލާމާތް ހުންނަ މީހުން ސިއްހީ ފަރުވާ ހޯދުމަށް ދާއިރު މާސްކު އެޅުން.
- ބައްޔަށް ޓެސްޓުކުރުމަށްފަހު ނަތީޖާ ލިބެންދެން އެހެން މީހުންނާ އެކަހެރިވެގެން ހުރުން.
- ބަލީގެ އަލާމާތެއް ހުރިނަމަ މީހުން އެއްވެ އުޅޭ ތަންތަނަށް ނުދިއުން.
އެޗްޕީއޭއިން ބުނީ، ހިމަބިއްސަށް ފައްސިވީ މީހުންގެ ކޮންޓެކްޓުންގެ ތެރެއިން ވެކްސިން ދެ ޑޯޒް ފުރިހަމަކޮށްފައިނުވާ ފަރާތްތަކަށް ވެކްސިން ދިނުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި، އެ މަސައްކަތުގެ ތެރެއިން މިހާތަނަށް 220 ކޮންޓެކްޓުންނަށް ވެކްސިން ދެވިފައިވާ ކަމަށެވެ.
އޭގެ އިތުރުން، ފްރަންޓްލައިންގައި މަސައްކަތްކުރާ ސިއްހީ ޚިދުމަތްތެރިންގެ ތެރެއިން 1،118 ޚިދުމަތްތެރިއަކަށް ވެކްސިން ދެވިފައިވާ ކަމަށް، އެޗްޕީއޭއިން މައުލޫމާތުދެއެވެ.


