އައްޑޫސިޓީ މަރަދޫފޭދޫގައި މަސްތުވާތަކެތި ބޭނުންކުރުމުގެ ޚިދުމަތް ދެމުންދިޔަ ތަނެއް ކޯޓު އަމުރެއްގެ ދަށުން ފުލުހުން ބަންދުކޮށްފިއެވެ. މަސްތުވާތަކެއްޗާ ބެހޭ ޤާނޫނުގެ ދަށުން ލިބިދޭ ބާރުގެ ބޭނުންކޮށްގެން މަރަދޫފޭދޫ ކޯޓުން ނެރުނު އަމުރަކާ ގުޅިގެން ބަންދުކޮށްފައިވަނީ އެ އަވަށު "އުއްމީދުގެ" އެވެ. މި ތަން ބަންދުކޮށްފައިވަނީ 90 ދުވަހުގެ މުއްދަތަށެވެ.
މިއީ މަސްތުވާތަކެއްޗާ ބެހޭ ޤާނޫނުގެ ދަށުން މަރަދޫފޭދޫ ކޯޓުން މިފަދަ އަމުރެއް ނެރުނު ފުރަތަމަ ފަހަރެވެ. ފުލުހުން ހާމަކުރި ގޮތުގައި، ޤާނޫނީ ގޮތުން ބަންދުކޮށްފައިވާ މިފަދަ ތަންތަނަށް ހުއްދައާ ނުލައި ވަދެނުކުތުމާއި އެ ތަންތަނަށް ގެއްލުން ދިނުމަކީ ހަރުކަށި ފިޔަވަޅު އެޅޭނެ ކުށެކެވެ. ދާދިފަހުން އައްޑޫސިޓީ ހިތަދޫގެ ގެއެއް ކަމަށްވާ "ލާމިޔާގެ" ވެސް މިފަދަ ގޮތަކަށް ބަންދުކޮށްފައިވާއިރު، އެ ގެއަށް ވަތް މީހަކު ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ.
އައްޑޫސިޓީގެ އިތުރުން ފުވައްމުލައް ސިޓީގައި ވެސް މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކަމަށް ތުހުމަތު ކުރެވޭ ތަންތަން ބަންދުކުރުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުންނެވެ.
އެގޮތުން މިދިޔަ މޭއި މަހު ފުވައްމުލަކު ފުނާޑު އަވަށުގެ ގުލިސްތާނުގޭގެ ތަނެއް ވެސް ވަނީ ކޯޓު އަމުރެއްގެ ދަށުން ބަންދުކޮށްފައެވެ. މިއީ މަސްތުވާތަކެތީގެ ވަބާއިން މުޖުތަމައު ސަލާމަތްކުރުމަށް ފުލުހުން ކުރިއަށްގެންދާ ހާއްސަ އޮޕަރޭޝަންތަކުގެ ބައެކެވެ.


