Tuesday, 28 July 2026
ފޭސްބުކް މާކެޓް ޕްލޭސް މެދުވެރިކޮށް ސްކޭމް ހިންގުން ވަނީ އާންމުވެފަ -- ފޮޓޯ: ކަރަންސީފެއަރ ބްލޮގް

މިދިޔަ ހަފުތާގައި ސްކޭމްގެ 36 މައްސަލަ: އެއްލައްކައަށްވުރެ ގިނަ ރުފިޔާ އަނބުރާ ހޯދައިދީފި

މިދިޔަ ހަފުތާގެ ތެރޭގައި މަކަރާއި ހީލަތުން ފައިސާ ހޯދުމުގެ ނުވަތަ ސްކޭމްގެ 36 މައްސަލައެއް ދިވެހި ފުލުހުންގެ ޚިދުމަތަށް ހުށަހަޅާފައިވާކަމަށް އެ މުއައްސަސާއިން ހާމަކޮށްފިއެވެ. ފުލުހުން އާންމުކުރި ތަފާސްހިސާބުތަކުން ދައްކާގޮތުގައި މި މައްސަލަތަކުގައި ޖުމްލަ 118,370.05 ރުފިޔާ އާންމުންގެ އަތުން ގެއްލިފައިވެއެވެ. ނަމަވެސް، ފުލުހުން ކުރި މަސައްކަތުން މީގެ ތެރެއިން 164,240.60 ރުފިޔާ ވަނީ ކާމިޔާބުކަމާއެކު އަނބުރާ ހޯދައިދީފައެވެ.

ހުށަހަޅާފައިވާ މައްސަލަތަކަށް ބަލާއިރު، އެންމެ ގިނައީ އޮންލައިން ވިޔަފާރި ނުވަތަ އީ-ކޮމާސްއާ ގުޅުންހުރި މައްސަލަތަކެވެ. އެގޮތުން އީ-ކޮމާސްގެ 26 މައްސަލައެއް ރިޕޯޓުކޮށްފައިވާއިރު، އެހެން މީހަކަށް ވެގެން އޮޅުވާލައިގެން ފައިސާ ހޯދުމުގެ 4 މައްސަލައަކާއި، ފައިސާ މާރުކުރުމުގެ އެއް މައްސަލައިގެ އިތުރުން އެހެނިހެން ބާވަތުގެ 5 މައްސަލައެއް ހިމެނެއެވެ. މި ސްކޭމްތައް ހިންގުމަށް އާންމުކޮށް ބޭނުންކޮށްފައިވަނީ އޮންލައިން މެސެޖިންގ އެޕްތަކާއި، ފޭސްބުކް މާކެޓްޕްލޭސް، އައިބޭ އަދި ފިޝިންގ ލިންކުތަކެވެ.

އޮންލައިން ވިޔަފާރީގެ ސްކޭމްތައް އިތުރުވަމުންދާތީ، ވިޔަފާރިކުރާއިރު މުދާ ވިއްކާ ފަރާތުގެ ސައްހަކަން ކަށަވަރުކުރުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ. ޚާއްޞަކޮށް، ނޭނގޭ ފަރާތްތަކަށް ކުރިއާލާ ފައިސާ ނުފޮނުވުމަށާއި، މުދާ ލިބުމުން ނޫނީ ފައިސާގެ މުއާމަލާތް ނުހިންގުމަށް ފުލުހުން ވަނީ ނަސޭހަތްތެރިވެފައެވެ. އަދި މުއާމަލާތް ކުރެވެނީ އަސްލު ވިޔަފާރިއަކާ ތޯ ޔަގީންކުރުމަށް އިތުބާރު ހިފޭ ވަސީލަތްތައް ބޭނުންކުރުމަށްވެސް ފުލުހުން އެދިފައިވެއެވެ.

މިފަދަ ސްކޭމްތަކުން ރައްކާތެރިވުމަށް އާންމުން މިހާރަށްވުރެ ބޮޑަށް ސަމާލުވުމަކީ މުހިންމު ކަމެއް ކަމަށް ފުލުހުން ފާހަގަކުރެއެވެ. އޮންލައިންކޮށް ފައިސާގެ މުއާމަލާތްތައް ހިންގުމުގައި ޒާތީ މައުލޫމާތާއި ބޭންކިންގ ތަފްސީލުތައް ހިއްސާނުކުރުމަށާއި، ޝައްކުކުރެވޭ ފަދަ ލިންކުތަކަށް ނުވަނުމަށްވެސް ކަމާބެހޭ ފަރާތްތަކުން އަބަދުވެސް އިރުޝާދު ދެމުންދެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *