Tuesday, 28 July 2026
ކުދިންތަކެއް ފުޓުބޯޅަ ޕްރެކްޓިސް ކުރަނީ -- ފޮޓޯ: ސަސް އެކަޑަމީ

ނަމާދު ވަގުތުތަކުގައި ކުޅިވަރު ހަރަކާތްތައް 20 މިނެޓަށް މެދުކަނޑާލަން އަންގައިފި

ކުޅިވަރު ކުޅޭ ހުރިހާ މައިދާންތަކެއްގައި ނަމާދު ވަގުތު ޖެހުމާ އެކު 20 މިނެޓަށް ކުޅިވަރު ހަރަކާތްތައް މެދުކަނޑާލުމަށް މިނިސްޓްރީ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަނުން ގައުމީ ކުޅިވަރު އެސޯސިއޭޝަންތަކަށް އަންގައިފި އެވެ. އިއްޔެ ފޮނުވި ސާކިއުލާއެއްގައި ބުނެފައިވަނީ ނަމާދަށް ގޮވުމާ އެކު ހުރިހާ ކުޅިވަރު ހަރަކާތެއް މެދުކަނޑާލައި، އެކަން ތަންފީޒުކުރުމަކީ ސަރުކާރުގެ ސިޔާސަތެއް ކަމަށެވެ.

މި ނިންމުމުގެ ދަށުން އެސޯސިއޭޝަންތަކުގެ ބެލުމުގެ ދަށުން ހިންގާ ހަރަކާތްތަކުގެ އިތުރުން، ކްލަބްތަކާއި އެކަޑަމީތަކާއި އަމިއްލަ ފަރާތްތަކުން ކުރިއަށް ގެންދާ ހަރަކާތްތައް ވެސް ނަމާދު ވަގުތަށް މެދުކަނޑާލަން ޖެހޭނެ އެވެ. މިއީ ރާއްޖެއަކީ ސަތޭކަ ޕަސެންޓު މުސްލިމު ގައުމަކަށް ވެފައި، މުޖުތަމައުގައި ކުރެވޭ އަމަލީ މަސައްކަތްތައް އެ ހަގީގަތުގެ މައްޗަށް ބިނާކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ގެންގުޅުއްވާ ސިޔާސަތުގެ ދަށުން ނިންމި ނިންމުމެކެވެ.

ކުޅިވަރު މައިދާންތަކުގައި ނަމާދު ވަގުތަށް ކުޅިވަރު މެދުކަނޑާލާއިރު، އެ ތަންތަނުގައި ނަމާދު ކުރެވޭނެ އިންތިޒާމުތައް ހަމަޖެއްސުމުގެ މަސައްކަތް ވެސް ސަރުކާރުން ވަނީ ފަށާފަ އެވެ. ރައީސް މުއިއްޒު ވިދާޅުވީ ސްޕޯޓްސް ކޮމްޕްލެކްސްތަކާއި ސަރުކާރުން އަޅާ ކުޅިވަރު އިމާރާތްތަކުގައި ނަމާދު ކުރެވޭނެ ޒަމާނީ ފެސިލިޓީތައް ގާއިމުކުރުމަކީ މިހާރު ތަންފީޒީ މަރުހަލާގައި އޮތް ކަމެއް ކަމަށެވެ.

މި ބަދަލާ އެކު، މާފަންނު ސްޓޭޑިއަމާއި ކުޅިވަރު އެކުވެނި ފަދަ ގިނަ ބަޔަކު އެއްވާ ތަންތަނުގައި ނަމާދު ކުރެވޭނެ އިންތިޒާމު ހަމަޖެހިގެންދާނެ އެވެ. މީގެ ބޭނުމަކީ ކުޅިވަރު ކުޅެން އުޅޭ ވަގުތުގައި ނަމާދު ވަގުތު ގެއްލުނަ ނުދީ، ފަސޭހަކަމާ އެކު އަޅުކަން އަދާކުރުމުގެ ފުރުސަތު ކުޅުންތެރިންނާއި އާންމުންނަށް ފަހިކޮށްދިނުން ކަމަށް ސަރުކާރުން ހާމަކުރެ އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *