ދިވެހި އަސްކަރިއްޔާގެ ތާރީޚުގައި ކަނޑުމަގުން ކުރި އެންމެ ދިގު ދަތުރަށްފަހު، ދިވެހި ސަރުކާރުގެ އެދުމުގެ މަތިން އޮސްޓްރޭލިއާ ސަރުކާރުން ހަދިޔާކުރި ނޭވީ މަނަވަރު މިއަދު ރާއްޖެ ގެނެސްފިއެވެ. އޮސްޓްރޭލިއާގެ ޕާރތުން ފުރައިގެން ދަތުރުކޮށް ހުޅުމާލޭ ބަނދަރަށް މި އުޅަނދު އައުމުން، ރަސްމީކޮށް މަރުޙަބާ ދެންނެވީ ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީ އާއި އޮސްޓްރޭލިއާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ހައި ކޮމިޝަނަރ، ހިޒް އެކްސެލެންސީ ޑޭވިޑް ޖެސަޕްއެވެ.
މި އުޅަނދު ހުޅުމާލޭ ބަނދަރަށް ވަދެފައިވަނީ ކަނޑުމަތީގެ އާދަކާދަތަކާ އެއްގޮތަށް އެމްއެންޑީއެފް ކޯސްޓްގާޑުގެ ސެރެމޯނިއަލް އެސްކޯޓަކާ އެކުގައެވެ. ބަނދަރަށް ވަނުމުން އުޅަނދަށް ވޯޓަރ ސެލިއުޓެއް އަރުވާފައިވާއިރު، ޗީފް އޮފް ޑިފެންސް ފޯސް އާއި އޮސްޓްރޭލިއާގެ ހައި ކޮމިޝަނަރ ވަނީ އުޅަނދަށް ޒިޔާރަތްކުރައްވައި ފަޅުވެރިންނާ ބައްދަލުކުރައްވައި އުޅަނދު ބައްލަވާލައްވާފައެވެ.
މި އުޅަނދަކީ ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެމަތީ ވެރިޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ދިވެހި އަސްކަރިއްޔާގެ ދިފާއީ ވަސީލަތްތައް ވަރުގަދަކޮށް، ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކުރުމަށް ގެންގުޅުއްވާ ސިޔާސަތުގެ ދަށުން ހޯއްދަވައިދެއްވި އުޅަނދެކެވެ. ކޯސްޓްގާޑުގެ އޮޕަރޭޝަނަލް ކެޕޭސިޓީ ދެގުނަކޮށް، ރާއްޖޭގެ ކަނޑުގެ ސަރަހައްދު ފުރިހަމައަށް ބެލެހެއްޓޭނެ ފަދަ ބާރަކަށް އެމްއެންޑީއެފް ހެއްދެވުމަކީ ރައީސް މުޢިއްޒުގެ މުހިންމު ވައުދުފުޅެކެވެ.
އޮސްޓްރޭލިއާގެ ޑިފެންސް ކޯޕަރޭޝަން ޕްރޮގްރާމްގެ ދަށުން ހަދިޔާކުރި މިއުޅަނދަކީ އޮސްޓްރޭލިއާގެ ހެންޑަސަން ޝިޕްޔާޑުގައި އޮސްޓަލް ލިމިޓެޑުން ބަނދެފައިވާ މުޅިން އައު އުޅަނދެކެވެ. މި އުޅަނދު ރާއްޖެއަށް ގެނައުމުގެ ކުރިން، އެމްއެންޑީއެފް ކޯސްޓްގާޑުގެ ފަޅުވެރިން ވަނީ އޮސްޓްރޭލިއާގައި މި އުޅަނދު އޮޕަރޭޓްކުރާނެ ގޮތުގެ ޚާއްޞަ ތަމްރީނުތަކާއި ފެމިލިއަރައިޒޭޝަން ޓްރަޔަލްސްތައް ފުރިހަމަކޮށްފައެވެ.
މި އަހަރުގެ ޖުލައި މަހުގެ ތެރޭގައި ރަސްމީކޮށް ޚިދުމަތަށް ނެރުމަށް ހަމަޖެހިފައިވާ މިއުޅަނދުގެ ސަބަބުން ރާއްޖޭގެ ކަނޑުގެ ސަރަޙައްދު ބެލެހެއްޓުމާއި، ކަނޑުމަތީގެ ޣައިރުޤާނޫނީ ޢަމަލުތައް ހުއްޓުވުމުގެ ޤާބިލުކަން އިތުރުވެގެންދާނެކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ. މިއަދު ބޭއްވި މި ހަރަކާތުގައި އެމްއެންޑީއެފްގެ ޖެނެރަލް އޮފިސަރުންނާއި، ކޯސްޓްގާޑުގެ އިސް އޮފިސަރުންގެ އިތުރުން އުޅަނދުގެ ފަޅުވެރިންގެ އާއިލާތަކުން ބައިވެރިވެފައިވެއެވެ.


