Tuesday, 28 July 2026
ބްލޫޕީސްގެ ކޯ ފައުންޑަރ އަލްމަރުޙޫމް އަބްދުލް ބާރީ ރުސްދީގެ ހަނދާނުގައި ހުޅުދުއްފާރުގައި ގަސް އިންދުމަށް ހިންގި ޕްރޮގްރާމްގެ ތެރެއިން -- ފޮޓޯ: ބްލޫޕީސް

ބްލޫޕީސްގެ ކޯ-ފައުންޑަރ އަބްދުލް ބާރީ ރުޝްދީގެ ހަނދާނުގައި ހުޅުދުއްފާރުގައި 100 އަށްވުރެ ގިނަ ގަސް އިންދައިފި

ދުނިޔޭގެ ތިމާވެށީގެ ދުވަހާއި ކަނޑުތަކުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން، ރާއްޖޭގެ އެންމެ ދުވަސްވީ ތިމާވެށި ޖަމިއްޔާ، ބްލޫޕީސް އިން އިސްނަގައިގެން ރ. ހުޅުދުއްފާރުގައި ގަސް އިންދުމުގެ ބޮޑު ހަރަކާތެއް ކުރިއަށް ގެންގޮސްފިއެވެ. މި ހަރަކާތަކީ އެ ޖަމިއްޔާގެ ކޯ-ފައުންޑަރ، މަރުހޫމް އަބްދުލް ބާރީ ރުޝްދީގެ ހަނދާނުގައި ބޭއްވި ހަރަކާތެކެވެ.

ހުޅުދުއްފާރު ކައުންސިލާ ގުޅިގެން ކުރިއަށް ގެންދިޔަ މި ހަރަކާތުގައި އެ ރަށުގެ ބޮޑުމަގުގެ ދެފަރާތުގައި 100 އިންދި އަނބުގަސް ވަނީ އިންދާފައެވެ. މީގެ އިތުރުން، ރަށުގެ މައި ހަތަރު އަނގޮޅި ކައިރީގައި ގަސް އިންދުމަށް ހާއްސަކުރެވިފައިވާ ސަރަހައްދުތަކުގައި 12 ސައްކެޔޮ ގަސް ވެސް ވަނީ އިންދާފައެވެ.

ބްލޫޕީސް އަކީ 11 ސެޕްޓެމްބަރު 1989 ގައި ރާއްޖޭގައި އުފެދުނު އެންމެ ފުރަތަމަ އަދި އެންމެ ދުވަސްވީ ތިމާވެށި ހިމާޔަތްކުރުމަށް މަސައްކަތްކުރާ ޖަމިއްޔާއެވެ. މި ޖަމިއްޔާއަކީ ސަރުކާރާ ވަކިން، އަމިއްލަ ފަރުދުންގެ ހިލޭސާބަހަށް މަސައްކަތްކުރާ ޖަމިއްޔާއެއްގެ ގޮތުގައި ފާހަގަކޮށްލެވެއެވެ.

މި ޖަމިއްޔާގެ މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި ތިމާވެއްޓަށް ހޭލުންތެރިކުރުވުމާއި، ނުރައްކަލަށް ހުށަހެޅިފައިވާ ދިރޭތަކެތި ކަމަށްވާ ކަހަނބާއި ތަފާތު ދޫނިސޫފާސޫފި ހިމާޔަތްކުރުމަށް ވަކާލާތުކުރުން ހިމެނެއެވެ. އަދި ރާއްޖޭގެ ފަރުތަކާއި، ކުޅި އަދި ފާ ފަދަ ޗަސްބިންތައް ސަލާމަތްކުރުމަށް ގިނަގުނަ ކެމްޕެއިންތަކެއް އެ ޖަމިއްޔާއިން އަންނަނީ ހިންގަމުންނެވެ.

މި ހަރަކާތަކީ ތިމާވެށި ރައްކާތެރިކުރުމުގެ މުހިންމުކަން އަންގައިދިނުމަށާއި، ރަށު ތެރެ ފެހިކުރުމަށް ބްލޫޕީސް އާއި ހުޅުދުއްފާރު ކައުންސިލުން ގުޅިގެން ކުރިއަށް ގެންދިޔަ ނަމޫނާ މަސައްކަތެކެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *