ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު، ނިލަންދެ އަތޮޅު ދެކުނުބުރީ މީދޫއަށް މިއަދު ވަޑައިގެންފިއެވެ. ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން އެ ރަށަށް ވަޑައިގަތުމުން، ރަށުގެ ބަނދަރު ސަރަހައްދުން އެކި އުމުރުފުރާތަކުގެ ގިނަ އަދަދެއްގެ ރައްޔިތުން ވަނީ ވަރަށް ހޫނު މަރުޙަބާއެއް ދަންނަވާފައެވެ.
ރައީސުލްޖުމްހޫރިއްޔާ އަދި ޕީއެންސީގެ ރައީސް ޑރ. މުޢިއްޒު މީދޫއަށް މި ކުރައްވާ ދަތުރުފުޅަކީ، އިއްޔެ ބޭއްވި އެ ރަށު ކައުންސިލްގެ ރައީސް ހޮވުމަށް ބޭއްވި ބައި-އިލެކްޝަން ޕީއެންސީގެ ކެންޑިޑޭޓް ކާމިޔާބުކުރެއްވުމާ ގުޅިގެން، އެ ކާމިޔާބީ ފާހަގަކުރުމަށް ކުރައްވާ ދަތުރުފުޅެކެވެ. މި ދަތުރުފުޅުގެ ތެރެއިން މިރޭ އެ ރަށުގައި ބޭއްވުމަށް ހަމަޖެހިފައިވާ ޕީއެންސީގެ ޚާއްޞަ ޖަލްސާގައި ރައީސް ބައިވެރިވެވަޑައިގަންނަވާނެއެވެ.
މީދޫ ކައުންސިލްގެ ރައީސް ހޮވުމަށް ބޭއްވި އިންތިޚާބުގެ ރަސްމީ ނަތީޖާ ދައްކާގޮތުން، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ކެންޑިޑޭޓް ސުހާ އިބްރާހިމް މި ގޮނޑި ކާމިޔާބުކުރެއްވީ ވޯޓުލީ މީހުންގެ 54.09 އިންސައްތަ ވޯޓު ހޯއްދަވައިގެންނެވެ.
މި ދަތުރުފުޅަކީ އިންތިޚާބުގެ ކާމިޔާބީ ފާހަގަކުރުމުގެ އިތުރުން، ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ގުޅުން ބަދަހިކުރެއްވުމަށް ކުރައްވާ ދަތުރުފުޅެކެވެ.


