Tuesday, 28 July 2026

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ތެލެސީމިއާ ސެންޓަރަށް ޒިޔާރަތްކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު، ހުޅުމާލޭ އޮރެންޖު ހިޔާގައި ހުންނަ ތެލެސީމިއާ އެންޑް އަދަރ ހީމޮގްލޮބިނޯޕަތީސް ސެންޓަރަށް މިއަދު މެންދުރު ޒިޔާރަތްކުރައްވައިފިއެވެ. މި ޒިޔާރަތުގައި އެ ދެކަނބަލުން ވަނީ އެ ސެންޓަރުގެ މަސައްކަތްތައް ކުރިއަށްދާ ގޮތާއި، އެތަނުގެ ހާލަތު ވަރަށް ގާތުން ބައްލަވާލައްވާފައެވެ.

މި ޒިޔާރަތުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ ބަލިމީހުން ބައިތިއްބާ ވޯޑުތަކާއި، ލޭ ހަދިޔާކުރާ މީހުންނަށް ޚާއްޞަ ބަޔާއި، ލެބޯޓްރީގެ އިތުރުން ތެލަސީމިއާ ޕޭޝަންޓް ކެއާ ސެންޓަރުގެ ޚިދުމަތްތައް ބައްލަވާލައްވައި، އެތަންތަނުން ދެވޭ ޚިދުމަތްތަކާ ގުޅޭ އެންމެ ފަހުގެ މަޢުލޫމާތު އޮޅުންފިލުއްވާފައެވެ. މި ޒިޔާރަތުގައި ހެލްތު މިނިސްޓަރާއި ސަރުކާރުގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު، ތެލެސީމިއާ ބަލިމީހުންނަށް ދެވޭ ފަރުވާއާއި އެހީތެރިކަން އިތުރުކުރުމަށް ވަނީ ޚާއްޞަ އިސްކަމެއް ދެއްވާފައެވެ. މިގޮތުން ބަލިމީހުންނަށް ބޭނުންވާ މާލީ އެހީތެރިކަމާއި އުމްރާނީ ވަސީލަތްތައް ތަރައްޤީކޮށް، ޚިދުމަތުގެ ފެންވަރު މަތިކުރުމަކީ ސަރުކާރުގެ މުހިންމު އަމާޒެކެވެ.

ތެލެސީމިއާ ބަލި ތަޙައްމަލުކުރާ ފަރާތްތަކަށާއި އެ އާއިލާތަކަށް ބޭނުންވާ ޞިއްޙީ އަދި އިޖުތިމާޢީ ރައްކާތެރިކަން ކަށަވަރުކޮށްދިނުމަކީ ސަރުކާރުގެ ބޮޑު ޒިންމާއެއްކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. މިއަދުގެ މި ޒިޔާރަތަކީ އެ ދާއިރާގެ ޚިދުމަތްތައް ހަރުދަނާކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ކުރެއްވި ޒިޔާރަތެކެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *