ސަރުކާރު މުވައްޒަފުންގެ މުސާރައާއި އިނާޔަތްތަކަށް ކުރާ ހޭދަ މިދިޔަ އަހަރާ އަޅާބަލާއިރު ބޮޑުތަނުން އިތުރުވެފައިވާކަން ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ހާމަވެއްޖެއެވެ. އެ މިނިސްޓްރީން އާންމުކޮށްފައިވާ ރިޕޯޓުތަކަށް ބަލާއިރު، މިދިޔަ މަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށް ދައުލަތުގެ މުވައްޒަފުންގެ މުސާރައަށް ވަނީ 5.31 ބިލިއަން ރުފިޔާ ޚަރަދުކޮށްފައެވެ.
މިއީ އޭގެ ކުރީ އަހަރުގެ މި މުއްދަތުގައި މުސާރައާއި އިނާޔަތްތަކަށް ޚަރަދުކުރި 4.84 ބިލިއަން ރުފިޔާއާ އަޅާބަލާއިރު 470 މިލިއަން ރުފިޔާގެ ބޮޑު އިތުރުވުމެކެވެ. މި އިތުރުވުމާއެކު ދައުލަތުގެ ޖުމްލަ ޚަރަދުތަކަށް ވަނީ އޭގެ އަސަރު ފޯރާފައެވެ.
މުސާރައަށް ކުރާ ހޭދަ މިހާ ބޮޑަށް އިތުރުވެފައިވަނީ ދައުލަތުގެ މުސާރަތައް އެއްހަމަކުރުމުގެ ސިޔާސަތުގެ ދަށުން ގެނެވުނު ބަދަލުތަކާ ގުޅިގެންނެވެ. ފިނޭންސް މިނިސްޓްރީން ފާހަގަކޮށްފައިވާ ގޮތުގައި، މިހާތަނަށް ދައުލަތުގެ 93 އިންސައްތަ މުއައްސަސާ ވަނީ އާ ޕޭ ފްރޭމްވާކަށް ބަދަލުކުރެވިފައެވެ.
މި ބަދަލާއެކު ދައުލަތުގެ ބަޖެޓަށް ބޮޑު ބުރައެއް އުފުލަންޖެހިފައިވާއިރު، މިއީ ދައުލަތުގެ މާލީ ހާލަތަށް ބަލާއިރު ސަމާލުކަން ދޭންޖެހޭ ކަމެއްގެ ގޮތުގައި އިގްތިސާދީ މާހިރުން ފާހަގަކުރެއެވެ.


