Tuesday, 28 July 2026
އެމްޑީޕީގެ އެތެރޭގެ އިންތިހާބުގެ ވޯޓުލުމުގެ ތެރޭގައި ވޯޓު ފޮށި ހަލާކުކޮށްލާފައި --

އެމްޑީޕީގެ ޗެއާޕާސަން އިންތިޚާބު: ނަތީޖާގެ ފަރަގު ބޮޑުވުމުން ފީއައްޔާއި ފިޔޯރީގައި އަލުން ވޯޓު ނުލާން ނިންމައިފި

އެމްޑީޕީގެ ޗެއާޕާސަން އިންތިޚާބުގެ ވޯޓުލުމުގެ ތެރެއިން ފ. ފީއަލީގެ ވޯޓު ފޮށި ވަގަށް ނަގައި އަދި ގދ. ފިޔޯރީގެ ވޯޓު ފޮށި ފަޅައިލި ނަމަވެސް، އެ ދެ ރަށުގައި އަލުން އިންތިޚާބު ނުބާއްވަން އެ ޕާޓީން ވަނީ ނިންމައިފައެވެ. އެމްޑީޕީގެ އިންތިޚާބު ކޮމިޓީން މިގޮތަށް ނިންމީ އިންތިޚާބުގެ ޖުމުލަ ނަތީޖާގެ ފަރަގު ބޮޑުވުމުން ކަމަށް އެ ޕާޓީން ހާމަކޮށްފައިވެއެވެ.

މި އިންތިޚާބުގެ ވޯޓުލުން ކުރިއަށް ދިޔަ ވަގުތު ހިނގި ހަމަނުޖެހުންތަކާ ގުޅިގެން، ކުރިން އެ ދެ ރަށުގައި އަލުން ވޯޓުލާން ނިންމި ނަމަވެސް، ފަހުން އެ ނިންމުން ބަދަލުކުރީ އެ ދެ ރަށުގެ ވޯޓުން ނަތީޖާއަށް ބަދަލެއް ނާންނާނެތީއެވެ. މި އިންތިޚާބު ބޮޑު ތަފާތަކުން ކާމިޔާބުކުރެއްވީ ކުރީގެ ރައީސް މުޙައްމަދު ނަޝީދެވެ.

ރައީސް މުޙައްމަދު ނަޝީދު މި އިންތިޚާބު ކާމިޔާބުކުރެއްވީ 21,301 ވޯޓު ހޯއްދަވައިގެންނެވެ. އެމަނިކުފާނާ ވާދަވެރި ކެންޑިޑޭޓް މީކާއީލް އަޙްމަދު ނަސީމްގެ މައްޗަށް އެމަނިކުފާނު ވަނީ ބޮޑު ކާމިޔާބީއެއް ހޯއްދަވާފައެވެ. މިއީ ރައީސް ނަޝީދު އެމްޑީޕީގެ ޗެއާޕާސަންކަމާ ހަވާލުވެވަޑައިގަންނަވާ ދެވަނަ ފަހަރެވެ.

އެމްޑީޕީގެ އިންތިޚާބު ކޮމިޓީން ބުނެފައިވަނީ، އިންތިޚާބުގެ ކަންކަން ކުރިއަށްދިޔަ ގޮތާ މެދު ހިތްހަމަޖެހޭ ކަމަށާއި، ވަކިވަކި ރަށްރަށުގައި ހިނގި ހާދިސާތަކުން މުޅި އިންތިޚާބުގެ ސައްހަކަމަށް އަސަރު ނުކުރާ ކަމަށެވެ. އެހެންކަމުން، ރަސްމީ ނަތީޖާ އިއުލާން ކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރިއަށެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *