Tuesday, 28 July 2026
އިންޑިއާއިން ރާއްޖެއަށް ހަދިޔާ ކުރި ބޭސް -- ފޮޓޯ: އެކްސް

އިންޑިއާއިން ހަދިޔާކުރި 20،000 ޑޯޒްގެ ވެކްސިނާއި 3 ޓަނުގެ ބޭހާއި މެޑިކަލް ސަޕްލައި ރާއްޖެއަށް ގެނެސްފި

ރާއްޖޭގައި ފެތުރެމުންދާ ހިމަބިހި ކޮންޓްރޯލް ކުރުމަށް އެހީތެރިވުމުގެ ގޮތުން، އިންޑިއާ ސަރުކާރުން 20،000 ޑޯޒްގެ ވެކްސިނާއި ތިން ޓަނުގެ ބޭހާއި މެޑިކަލް ސަޕްލައިގެ ދެވަނަ ޝިޕްމަންޓް ރޭގެ ވަގުތެއްގައި ވަނީ މާލެ ގެނެސްފިއެވެ.

މި އެހީގެ ދަށުން ގެނައި ތަކެތީގެ ތެރޭގައި 20،000 ޑޯޒްގެ އެމްއާރު ވެކްސިންގެ އިތުރުން، އެކި ބާވަތްތަކުގެ ބޭހާއި، ސިރިންޖާއި، ބަލި ދެނެގަންނަ ކިޓުތަކުގެ އިތުރުން ސިއްހީ ފަރުވާގައި ބޭނުންކުރާ މުހިންމު ސާމާނުތައް ހިމެނެއެވެ. މި ތަކެތީގެ ސަބަބުން ރާއްޖޭގައި ބަލި ފެތުރުން ހުއްޓުވުމަށް ސިއްހީ އިދާރާތަކުން ކުރަމުންދާ މަސައްކަތްތަކަށް އިތުރު ބާރަކަށް ވެގެންދާނެ ކަމަށް ހައިކޮމިޝަނުން ބުނެފައިވެއެވެ.

އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީގެ ތަރުޖަމާނު ރަންދީރު ޖެއިސަލްވާލް ވިދާޅުވީ، މިއީ އިންޑިއާގެ 'ނެއިބަހުޑް ފަސްޓް' ސިޔާސަތުގެ ދަށުން، ކަމެއް ދިމާވާ ހިނދު އެންމެ ފުރަތަމަ އެހީތެރިކަން ފޯރުކޮށްދޭ ގައުމުގެ ހައިސިއްޔަތުން ރާއްޖެއަށް ފޯރުކޮށްދިން އެހީއެއް ކަމަށެވެ. އަދި މި އެހީއަކީ ރާއްޖޭގައި ދާދިފަހުން ފެނުނު ހިމަބިހީގެ ކޭސްތަކާ ގުޅިގެން، އެ ބަލި ފެތުރުން ހުއްޓުވުމަށް ދިން އެހީއެއްކަން އޭނާ ފާހަގަކުރެއްވިއެވެ.

މި އެހީއަކީ އިންޑިއާ އާއި ރާއްޖެއާ ދެމެދު އޮތް ވަރުގަދަ އަދި ދެމެހެއްޓެނިވި ގުޅުން ރަމްޒުކޮށްދޭ ކަމެއް ކަމަށާއި، މިއީ އާންމު ސިއްހަތު ރައްކާތެރިކުރުމަށް ދެ ގައުމުން ކުރާ މަސައްކަތް ހާމަކޮށްދޭ ކަމެއް ކަމަށް ހައިކޮމިޝަނުން ވަނީ ބުނެފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *