ފ. ނިލަންދޫއަށް ދިގު މުއްދަތަކަށް އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ އެ ރަށު އަތިރީގޭ އަލްމަރްޙޫމް އަޙްމަދު މޫސާ (ކަތީބު ދޮންބެ) އުމުރުފުޅުން 100 އަހަރުގައި އަވަހާރަވުމާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަޢުޒިޔާ ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިއަދު ކުރެއްވި އެކްސް ޕޯސްޓެއްގައި ވިދާޅުވީ، ކަތީބު ދޮންބެ އަވަހާރަވުމަކީ އެމަނިކުފާނަށް ބޮޑު ހިތާމައަކާއި ފުން އަސަރުތަކެއް އިޙްސާސްވި ޚަބަރެއް ކަމަށެވެ. އަދި މަރްޙޫމް އަޙްމަދު މޫސާގެ ޢާއިލާއަށާއި ނިލަންދޫގެ ހުރިހާ ރައްޔިތުންނަށް އެމަނިކުފާނު ވަނީ އިޚުލާޞްތެރި ތަޢުޒިޔާ ދަންނަވާފައެވެ.
އަޙްމަދު މޫސާއަކީ ނިލަންދޫގެ ކަތީބުކަމުގެ މަޤާމުގައި އެ ރަށަށް ގިނަގުނަ ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅެކެވެ. މީގެ އިތުރުން، ދަނޑުވެރިކަމުގެ ރޮނގުން ހިތްވަރުދިނުމުގެ ޤައުމީ އިނާމު 1992 ވަނަ އަހަރު އޭނާ ވަނީ ހާސިލުކުރައްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ކަތީބު ދޮންބެގެ އަމާނާތްތެރިކަމާއި، ހިތްޕުޅުހެޔޮކަމާއި، މުރާލި އަދި ހަރުދަނާ ޝަޚްޞިއްޔަތަށް ތަޢުރީފު ކުރައްވާފައިވެއެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި، އަޙްމަދު މޫސާގެ ޙަޔާތަކީ މުޅި ދިވެހިރާއްޖެއަށް ރީތި ނަމޫނާއެކެވެ.
ކަތީބު ދޮންބެގެ ޢާއިލާގައި ތަޢުލީމީ އަދި ޤާބިލް އެތައް ޚިދުމަތްތެރީންނެއް ތިއްބެވިކަން ފާހަގަކުރައްވައި، އެއީ އޭނާގެ ޙަޔާތުގައި ލިބިވަޑައިގަތް ބޮޑު ފަޚުރަކާއި ޝަރަފެއްގެ ގޮތުގައި ރައީސް ސިފަކުރެއްވިއެވެ. ރައީސްގެ މެސެޖު ނިންމަވާލައްވާފައިވަނީ މަރްޙޫމަށް ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރުކޮށްދެއްވުން އެދި ދުޢާ ކުރައްވަމުންނެވެ.
ކަތީބުދޮންބެގެ ދުނިޔޭގައި ތިބި ދަރިންނަށް ދަރިން ލިބި އެ ދަރިންނަށް ވެސް ދަރިން ލިބި ބައެއް ކުދިން ނިޔާވެފައިވެ އެވެ. ކާފަ ދަރިންގެ އަދަދަކީ 72 އަށް އަރަ އެވެ. މުނިކާފަ ދަރިންގެ ގޮތުގައި 118 ދަރިން ތިބިއިރު ކަތީބުދޮންބެއަށް ހޫރުކާފަ ކިޔާ 14 ދަރިން ދުނިޔޭގައި އެބަ ތިއްބެވެ.
ކަތީބުދޮންބެގެ ފާހަގަކޮށްލެވޭ ދަރިންގެ ތެރޭގައި ހިތުގެ ބަލިތަކަށް ހާއްސަ ޑޮކްޓަރު އަބްދުލް އަޒީޒް އަހުމަދާއި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު އަލީ އަހުމަދާއި ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަބްދުލްލަތީފް އަހުމަދު (އުދަރެސް ލަތީފް) އާއި ފ. އަތޮޅު ތައުލީމީ މަރުކަޒުގައި 25 އަހަރު އަދި ގާޒީ ސްކޫލުގެ ސެން ޓީޗަރަކަށް އެތައް އަހަރެއް ވަންދެން މަސައްކަތް ކުރެއްވި އުމްނިއްޔާ އަހުމަދު ހިމެނެ އެވެ.


