މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ޗެއާޕާސަން ހޮވުމަށް ބޭއްވި އިންތިޚާބުގެ ގިނަ ވޯޓު ފޮށިތަކަކުން ކުރީގެ ރައީސް މުޙައްމަދު ނަޝީދު ބޮޑު ތަފާތަކުން ކުރި ހޯއްދަވައިފިއެވެ. މި އިންތިޚާބުގައި ނަޝީދާ ވާދަކުރައްވަނީ ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަޙްމަދު ނަސީމެވެ.
މި އިންތިޚާބަކީ އެމްޑީޕީގެ އެތެރޭގައި އުފެދިފައިވާ ދެ ފެކްޝަނުގެ މެދުގައި ޕާޓީގެ ކޮންޓްރޯލް ހޯދުމަށް ކުރެވޭ ވަރަށް ވާދަވެރި މަސައްކަތެއްގެ ގޮތުގައި ވަނީ ބެލެވިފައެވެ. މިހާތަނަށް ލިބިފައިވާ ނަތީޖާތަކުން ދައްކާގޮތުގައި، ގިނަ ދާއިރާތަކަކުން ނަޝީދު އުޅުއްވަނީ މީކާއީލަށްވުރެ ބޮޑު ތަފާތަކުން ކުރީގައެވެ.
މިހާތަނަށް ލިބިފައިވާ ވަގުތީ ނަތީޖާތަކަށް ބަލާއިރު، ޖުމްލަ 241 ވޯޓު ފޮށީގެ ތެރެއިން 125 ފޮށި މިހާރު ވަނީ ގުނާ ނިމިފައެވެ. މި ނަތީޖާތަކުން ދައްކާގޮތުގައި ރައީސް ނަޝީދަށް ވަނީ 7837 ވޯޓު ލިބިވަޑައިގެންފައެވެ. އެއީ ވޯޓު ދިން މީހުންގެ ގާތްގަނޑަކަށް 67.2 ޕަސެންޓެވެ. ރައީސް ނަޝީދާ ވާދަކުރެއްވި މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހުމަދު ނަސީމަށް މިހާތަނަށް ލިބިވަޑައިގެންފައިވަނީ 3826 ވޯޓެވެ.
މިއީ 'ދަ ޑިމޮކްރެޓްސް' ޕާޓީ އުފެއްދެވުމަށްފަހު ރައީސް ނަޝީދު އަލުން އެމްޑީޕީއާ ގުޅިވަޑައިގެން، އެ ޕާޓީގެ އެތެރޭގެ އިންތިޚާބެއްގައި ކުރިމަތިލެއްވި ފުރަތަމަ ފަހަރެވެ.


