ރާއްޖޭގެ މެދުތެރޭގެ އަތޮޅުތަކަށް ގުގުރުމާ އެކު ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކޮށް، މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން އެ ސަރަހައްދަށް ޔެލޯ އެލާޓް ނެރެފިއެވެ. މިއަދު ހެނދުނު އެ ސަރަހައްދަށް ނެރުނު ވައިޓް އެލާޓް، ޔެލޯ އެލާޓަށް ބަދަލުކޮށްފައިވަނީ ބ. އަތޮޅުން ފެށިގެން ވ. އަތޮޅާ ހަމައަށެވެ.
މެޓް އޮފީހުން ލަފާކޮށްފައިވާ ގޮތުގައި، މި އެލާޓްގެ މުއްދަތުގައި އެ ސަރަހައްދުގެ ރަށްތަކަށް ބޯކޮށް ވާރޭވެހުމާ އެކު ގުގުރާނެއެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދަވެ، ކަނޑުތައް ވެސް ގަދަވާނެ ކަމަށް ލަފާކޮށްފައިވެއެވެ. މި އެލާޓް ނެރެފައިވަނީ މިއަދު މެންދުރުފަހު 12:45 އިން ފެށިގެން ހަވީރު 5:00 އާ ހަމައަށެވެ.
މާލެ ސަރަހައްދަށް ވެސް މިއަދު ބޯކޮށް ވާރޭވެހެމުންދާތީ، މާލޭގެ ބައެއް މަގުތަކުގައި ފެންބޮޑުވުމުގެ މައްސަލަ ވަނީ ކުރިމަތިވެފައެވެ. މިކަމާ ގުޅިގެން އެމްއެންޑީއެފުން ދަނީ މަގުތަކުން ފެން ހިންދުމުގެ މަސައްކަތް ހަރަކާތްތެރިވަމުންނެވެ.
މާލޭގެ އިތުރުން ރާއްޖޭގެ ހުރިހާ ހިސާބަކަށް ވެސް ކުރިއަށް އޮތް 24 ގަޑިއިރު ކެރީގެ އަސަރު ފޯރާނެ ކަމަށް މޫސުމާ ބެހޭ އިދާރާއިން ބުނެއެވެ.


