މޯލްޑިވްސް ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ ޗެއަރޕާސަން ހޮވުމަށް ބާއްވާ އިންތިޚާބުގެ ވޯޓުލުން މިއަދު މެންދުރު 14:30 ގައި ފަށައިފިއެވެ. އެ ޕާޓީން މަޢުލޫމާތު ދޭ ގޮތުގައި ވޯޓުލުން ކުރިއަށްދާނީ މިރޭ 20:30 އާ ހަމައަށެވެ. މި އިންތިޚާބަކީ ކުރިން އެ މަޤާމުގައި ހުންނެވި ފައްޔާޒް އިސްމާޢީލް އިސްތިއުފާ ދެއްވުމާ ގުޅިގެން ހުސްވެފައިވާ މަޤާމަށް ބޭފުޅަކު އިންތިޚާބު ކުރުމަށް ބާއްވާ އިންތިޚާބެކެވެ.
މިފަހަރުގެ އިންތިޚާބުގައި ޗެއަރޕާސަންގެ މަޤާމަށް ތިން ބޭފުޅަކު ވާދަކުރައްވައެވެ. އެއީ ކުރީގެ ރައީސް މުޙައްމަދު ނަޝީދާއި، ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަޙްމަދު ނަސީމް އަދި އިބްރާހިމް މުޙައްމަދު އެވެ. އިންތިޚާބުގެ ކަންކަން އިންތިޒާމު ކުރުމުގެ ގޮތުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައާއި އަވަށްޓެރި ސްރީލަންކާ ހިމެނޭހެން ޖުމްލަ 241 ވޯޓު ފޮށި ވަނީ ބަހައްޓާފައެވެ.
ވޯޓުލުން ކުރިއަށްދާ މަރުކަޒުތަކަށް ބަލާއިރު، މިފަހަރު ގިނަ ފޮށިތައް ބަހައްޓާފައިވަނީ ސްކޫލްތަކުގައެވެ. މާލޭގެ 10 ސްކޫލެއްގައި ވޯޓުލުން ކުރިއަށްދާއިރު، އޭގެ ތެރޭގައި ހުރަވީ، ދަރުމަވަންތަ، މަޖީދިއްޔާ، އަމީނިއްޔާ، ކަލާފާނު، އިސްކަންދަރު، މާފަންނު މަދުރަސާ، ގަލޮޅު ސްކޫލް، މުހިއްޔިއްދީން އަދި ކާމިލްދީދީ ސްކޫލް ހިމެނެއެވެ. ރަށްރަށުގައިވެސް ކުރިން ހަރުގެތަކުގައި ވޯޓުލުން ބާއްވަން ނިންމި ނަމަވެސް، މިހާރު ހުރިހާ ރަށެއްގައިވެސް ވޯޓުލުން ކުރިއަށްދަނީ ސްކޫލްތަކުގައެވެ.
އެމްޑީޕީގެ ދާއިމީ ވޯޓާސް ލިސްޓުގައިވާ ގޮތުން މި އިންތިޚާބުގައި 48,912 މީހުންނަށް ވޯޓުލުމުގެ ޙައްޤު ލިބިގެންވެއެވެ.


