މާތް ﷲ އަށް ވަކީލުކުރުމަކީ، ހަމައެކަނި ދުލުން ބުނެލާ ބަހަކުން ނުވަތަ ދެ އަތް އުރާލައިގެން ހުރުން ނޫން ކަމަށާއި، އެއީ ކަންކަން ކުރުމަށް ބޭނުންވާ ވަސީލަތްތަކުގެ ބޭނުން ހިފުމާއެކު، މާތް ﷲ ގެ ހަޒުރަތުން ރައްކާތެރިކަން ލިބޭނެކަމުގެ ފުރިހަމަ ޔަގީންކަންމަތީ ހުރުން ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފިއެވެ. "ހިޖުރައިގެ އިބުރަތްތަކުގެ ތެރެއިން" މި މައުޟޫއަށް މިއަދު ދިން ހުތުބާގައި ވަނީ ކީރިތި ރަސޫލާ މައްކާއިން މަދީނާއަށް ކުރެއްވި ހިޖުރައިގެ ދަތުރުފުޅުން ލިބޭ މުހިންމު ފިލާވަޅުތަކުގެ މައްޗަށް އަލިއަޅުވާލާފައެވެ.
ހުތުބާގައި ވިދާޅުވީ ހިޖުރައިގެ ދަތުރުފުޅަކީ ދީނަށްޓަކައި ގުރުބާންވުމުގެ މަތިވެރި ނަމޫނާއެއް ކަމަށެވެ. ކީރިތި ރަސޫލާ އެކަލޭގެފާނު އުފަންވެ ބޮޑުފުޅުވި ރަށާއި، ގާތްތިމާގެ މީހުންނާއި އާއިލާ ދޫކުރައްވައި މަދީނާއަށް ހިޖުރަކުރެއްވީ އިސްލާމްދީނުގެ ދިފާއުގައި ކަމަށް ހުތުބާގައި ފާހަގަކުރެއްވިއެވެ. މީގެ އިތުރުން، ކަމެއް ކާމިޔާބުވުމުގެ އެންމެ މުހިންމު ބަޔަކީ ކަމެއް ފެށުމުގެ ކުރިން ފުރިހަމައަށް ރޭވުމާއި، ކަންކަން ކުރާނެ ފަރާތްތައް ކަނޑައަޅައި ހަމަޖެއްސުން ކަމަށްވެސް ވިދާޅުވިއެވެ.
ހިޖުރައިގެ ރޭވުންތެރިކަމުގެ މިސާލުތައް ދައްކަވަމުން ހުތުބާގައި ވިދާޅުވީ، އަބޫބަކުރުގެފާނު ހަތަރު މަސް ކުރިން ދަތުރުގެ ސަވާރީ ތައްޔާރުކުރެއްވީ ފުރިހަމަ ސިއްރިޔާތުގައި ކަމަށެވެ. އަދި ރަސޫލާ އަވަހާރަކޮށްލަން މުޝްރިކުން ރޭވި ރޭ، އެކަލޭގެފާނުގެ ދާންމަތިކޮޅުގައި އަލީގެފާނު އަވަހާރަފުޅުލެއްޕެވީ ފުރާނަފުޅު ގުރުބާންކުރައްވައިގެން ވެސް ދީން ދިފާއުކުރެއްވުމުގެ މަތިވެރި މަގްސަދުގައެވެ. ހަމައެހެންމެ، ޘައުރު ފަރުބަދައިގެ ހޮހަޅައިގައި ތިއްބެވި އިރު ފަރިއްކޮޅު އެރުވުމުގެ ނުރައްކާތެރި ޒިންމާ އަސްމާ ބިންތި އަބޫބަކުރު އުފުއްލެވި އިރު، މައްކާގެ ހަބަރުތައް ގެންގޮސްދެއްވީ އަބްދުﷲ ބިން އަބީބަކުރުކަން ހުތުބާގައި ހަނދާންކޮށްދެއްވިއެވެ.
ހިޖުރައިގެ ހާދިސާއަކީ އިސްލާމީ ދައުލަތެއްގެ ބިންގާ އެޅުނު މުހިންމު ހާދިސާކަން ފާހަގަކުރައްވައި، ހުތުބާގައި ވިދާޅުވީ މައްކާގައި ތޭރަ އަހަރު ވަންދެން ރަސޫލާ ދީނަށް ގޮވައިލެއްވުމުން ވެސް އެކަށީގެންވާ އިޖާބައެއް ނުލިބި، އެކަލޭގެފާނު އަވަހާރަކޮށްލަން ރާވަމުންދިޔަ ދަނޑިވަޅުގައި ވެސް އީމާންކަމުގެ އަހުލުވެރިން ދެއްކެވީ ސާބިތުކަމުގެ މިސާލެއް ކަމަށެވެ.
އަދި ވަކީލުކުރުމަކީ، ކަންކަންކުރުމަށް ބޭނުންވާ ވަސީލަތްތަކުގެ ބޭނުން ހިފުމާ އެކު، މާތް ﷲ ގެ ހަޒުރަތުން ރައްކާތެރިކަން ލިބުމަށް އެދި އެ ކަން ޔަގީންކޮށްގެން ހުރުން ކަމަށް ހުތުބާގައި ބަޔާންކުރެއްވިއެވެ.


