Tuesday, 28 July 2026
ސްޓޭޓް ފާމާގެ މެނޭޖިން ޑިރެކްޓަރު ޑރ. ޝާހް މާހިރު އަދި އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ބާލަސުބްރަމާނިއަމް ބައްދަލުކުރައްވަނީ -- ފޮޓޯ: ސްޓޭޓްފާމާ

އަސާސީ ބޭސް މެދުކެނޑުމެއްނެތި ފޯރުކޮށްދިނުމަށް ސްޓޭޓް ފާމާއާއި އިންޑިއާ ސަފީރު މަޝްވަރާކުރައްވައިފި

ދިވެހިރާއްޖެއަށް ބޭނުންވާ އަސާސީ ބޭހުގެ ބާވަތްތައް މެދުކެނޑުމެއްނެތި ފޯރުކޮށްދިނުމާ ގުޅޭގޮތުން، ސްޓޭޓް ފާމާގެ މެނޭޖިން ޑިރެކްޓަރު ޑރ. ޝާހް މާހިރު އަދި އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ބާލަސުބްރަމާނިއަމް ބައްދަލުކުރައްވައި މަޝްވަރާ ކުރައްވައިފިއެވެ.

ރާއްޖޭގައި ހުންނަ އިންޑިއާގެ ހައިކޮމިޝަނުން ހާމަކޮށްފައިވާ ގޮތުގައި، އިއްޔެ ބޭއްވުނު މި ބައްދަލުވުމުގެ މައިގަނޑު އަމާޒަކީ ދެ ގައުމުގެ ދެމެދުގައި ސިއްހީ ދާއިރާގެ ގުޅުން އިތުރަށް ބަދަހިކުރުމެވެ. އަދި އިންޑިއާގެ ބޭސް އުފައްދާ ކުންފުނިތަކާ ސީދާ ގުޅުން ގާއިމުކޮށް، ރާއްޖެއަށް ބޭނުންވާ ބޭސް ފަސޭހަކަމާއެކު ލިބޭނެ އިންތިޒާމުތައް ހަމަޖެއްސުމާ ގުޅޭގޮތުން މި ބައްދަލުވުމުގައި ފުޅާދާއިރާއެއްގައި ވަނީ މަޝްވަރާކޮށްފައެވެ.

މި މަސައްކަތުގެ ސަބަބުން ރާއްޖޭގެ ބާޒާރުގައި ބޭހުގެ އަގު ހެޔޮވެ، ސަޕްލައި ޗެއިންއަށް ދިމާވާ މައްސަލަތަކަށް ދާއިމީ ހައްލެއް ލިބިގެންދާނެ ކަމަށް ކަމާބެހޭ ފަރާތްތަކުން ލަފާކުރެއެވެ.

ރާއްޖެއަށް ބޭސް ލިބުމުގައި ދަތިތަކެއް ކުރިމަތިވެފައިވާ މި ދަނޑިވަޅުގައި، މީގެ ކުރިން ވެސް ރާއްޖޭގެ ސިއްހީ ވުޒާރާގެ އިސްވެރިން ވަނީ އިންޑިއާއަށް ދަތުރުތައް ކުރައްވައި ބޭސް ހޯދުމުގެ މަޝްވަރާތައް ކުރިއަށް ގެންގޮސްފައެވެ. މިފަހަރުގެ ބައްދަލުވުމަކީ އެ މަސައްކަތްތަކުގެ ތެރެއިން ބޭސް ސަޕްލައި ކުރުމުގެ ކަންކަން އިތުރަށް ހަރުދަނާ ކުރުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *