ކަނޑުމަތީގައި ހިންގި ފުލުހުންގެ އޮޕަރޭޝަނެއްގެ ތެރޭގައި ހިނގި ހިތާމަވެރި ހާދިސާއެއްގައި ނިޔާވި މޯލްޑިވްސް ޕޮލިސް ސާވިސްގެ ސީނިއާ ސާޖަންޓް އަހުމަދު އާސިފްގެ ހަށިގަނޑު، ފުލުހުންގެ ރަސްމީ ޝަރަފުވެރިކަމުގެ އިއްޒަތުގައި މިރޭ އިޝާ ނަމާދަށްފަހު ވަޅުލައިފިއެވެ.
ފުލުހުން ބުނި ގޮތުގައި އާސިފް ގެއްލުނީ ޑިއުޓީގައި އުޅެނިކޮށް "ޕޮލިސް ލޯންޗު 57″ އިން މޫދަށް ވެއްޓިގެންނެވެ. އޭނާ ހޯދުމުގެ މަސައްކަތް ވަގުތުން ފަށާފައިވާއިރު، އޭނާގެ ހަށިގަނޑު ފެނިފައިވަނީ ކަނޑުގެ އަޑިންނެވެ.
އާސިފަށް އެންމެ ފަހުގެ އިހުތިރާމް އަދާކުރުމަށްޓަކައި ބޭއްވި ކަށުނަމާދުގައި ސަރުކާރުގެ އިސްވެރިންނާއި، ފުލުހުންނާއި، އާއިލާގެ މެންބަރުންނާއި، އާންމު ރައްޔިތުން ހިމެނޭހެން އެތައް ބަޔަކު ބައިވެރިވިއެވެ.
އާސިފް ގައުމަށް ކޮށްދެއްވި ހިދުމަތާއި އޭނާގެ އިހުލާސްތެރިކަމުގެ އަގުވަޒަންކުރުމުގެ ގޮތުން، މޯލްޑިވްސް ޕޮލިސް ސާވިސްއިން ވަނީ އޭނާ ނިޔާވުމަށްފަހު، ސީނިއާ ސާޖަންޓްގެ ރޭންކުން ސަބް އިންސްޕެކްޓަރ އޮފް ޕޮލިސްގެ ރޭންކަށް މަގާމު މަތިކޮށްފައެވެ.
މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދެނެގަތުމަށް ކަމާބެހޭ ފަރާތްތަކުން މިހާރު ދަނީ ތަހުގީގު ކުރަމުންނެވެ.


