އިންޑިއާ ސަރުކާރުން ރާއްޖެއަށް 20،000 ޑޯސްގެ މީސްލްސް-ރުބެލާ (އެމްއާރް) ވެކްސިނާއި 3 ޓަނުގެ ސިއްހީ ސާމާނު ހަދިޔާކޮށްފިއެވެ. މި އެހީ ދީފައިވަނީ ރާއްޖޭގައި މިހާރު ފެތުރެމުންދާ ހިމަބިއްސާ ދެކޮޅަށް ކުރެވޭ މަސައްކަތްތައް ވަރުގަދަކޮށް، އާންމު ސިއްޙަތު ރައްކާތެރިކުރުމަށެވެ.
ސިއްހީ ވުޒާރާގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މި ތަކެތި ހަވާލުކޮށްދެއްވީ އިންޑިއާގެ ސަފީރު ޖީ. ބާލަސުބްރަމަނިއަމްއެވެ. އަދި ރާއްޖޭގެ ފަރާތުން ހަވާލުވީ ޞިއްޙަތާއި ޢާއިލާއާއި އިޖުތިމާއީ އެހީއާބެހޭ ވަޒީރު ގީލާ އަލީއެވެ.
ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ވަޒީރު ގީލާ އަލީ ވިދާޅުވީ، މި އެހީއަކީ ރާއްޖޭގައި މިހާރު ފެތުރެމުންދާ ހިމަބިއްސާ ދެކޮޅަށް ކުރެވޭ މަސައްކަތްތަކަށް ބޮޑު ބާރެއް ލިބޭނެ އެހީއެއްކަމަށެވެ. އެމް.އާރް ވެކްސިންގެ ސަބަބުން ބަލި ފެތުރުން ހުއްޓުވުމާއި، ނުރައްކަލަށް ހުށަހެޅިފައިވާ ފަރާތްތައް ރައްކާތެރިކުރުމަށް މަގުފަހިވާނެކަމަށާއި، ލެބޯޓްރީ ސާމާނު އިތުރުވުމުން ބަލިތައް ދެނެގަތުމާއި މޮނިޓަރ ކުރުމުގެ ޤާބިލުކަން އިތުރަށް ވަރުގަދަވާނެކަމަށް ވިދާޅުވިއެވެ.
އަދި ޕީ.ޕީ.އީ އާއި ތައްޔާރީ ހާލަތަށް ބޭނުންވާ ތަކެތިތަކުން އިސްސަފުގައި މަސައްކަތްކުރާ ސިއްޙީ ޚިދުމަތްތެރިންގެ ރައްކާތެރިކަން ކަށަވަރުވެ، ކޮންމެ ބާވަތެއްގެ ބަލިމަޑުކަމަކަށް ތައްޔާރީ ހާލަތު އިތުރަށް ވަރުގަދަވާނެކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.
ގީލާ އަލީ ވިދާޅުވީ، ދިވެހިރާއްޖެއާއި އިންޑިއާއަކީ ދިގު ޒަމާންވެގެން ގާތް ގުޅުމެއް އޮންނަ ދެ ޤައުމުކަމަށާއި، އިންޑިއާއިން ވޭތުވެދިޔަ އަހަރުތަކުގައި ވެސް ރާއްޖެއަށް ބޭނުންވި ކޮންމެ ދަނޑިވަޅެއްގައި އެހީތެރިކަން ފޯރުކޮށްދީފައިވާކަމަށެވެ. މި އެހީއަކީ ދެ ޤައުމުގެ ގާތް ގުޅުމާއި އެކުވެރިކަމުގެ އިތުރު ހެއްކެއްކަމަށްވެސް ވިދާޅުވިއެވެ.
އިންޑިއާގެ ސަފީރު ޖީ. ބާލަސުބްރަމަނިއަމް ވިދާޅުވީ، ރާއްޖެއާއި އިންޑިއާއަކީ އަބަދުވެސް ގާތް ގުޅުމެއް އޮންނަ ދެ ޤައުމުކަމަށެވެ. އެގޮތުން 2004 ގެ ސުނާމީ ކާރިސާއާއި ކޮވިޑް–19 ބަލިމަޑުކަމުގައިވެސް އިންޑިއާއިން ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދީފައިވާކަމަށާއި، ކުރިއަށްވެސް މި ގުޅުން ބަދަހިކޮށް ރާއްޖެއަށް ބޭނުންވާ އިތުރު އެހީތައް ފޯރުކޮށްދޭނެކަމަށް ވިދާޅުވިއެވެ.
އިންޑިއާގެ މި ހިލޭ އެހީގެ ތެރޭގައި 20،000 ޑޯސްގެ އެމް.އާރް ވެކްސިނާއި 3 ޓަނުގެ ލެބޯޓްރީ އާލާތާއި ޕީ.ޕީ.އީ ހިމެނޭ އެކި ސިއްހީ ސާމާނުތައް ހިމެނެއެވެ.


