އިމިގްރޭޝަންގެ ކުރީގެ ކޮންޓްރޯލަރ ޖެނެރަލް މުޙައްމަދު ޝަމްޢާން ވަޙީދު މީޑިއާތަކުގައި ފުލުހުންނަށް އަމާޒުކޮށް ކުރައްވާފައިވާ ތުހުމަތުތައް ދިވެހި ފުލުހުންގެ ޚިދުމަތުން ދޮގުކޮށްފިއެވެ. ފުލުހުން ބުނީ ޝަމްޢާންގެ މައްޗަށް ހިންގި ތަހުގީގަކީ ރާއްޖޭގެ ގާނޫނުތަކާއި ކަނޑައެޅިފައިވާ އިޖުރާއަތްތަކާ އެއްގޮތަށް، އެއްވެސް ފަރާތެއްގެ ނުފޫޒެއް ނެތި ހިންގާފައިވާ މިނިވަން ތަހުގީގެއް ކަމަށެވެ.
މުޙައްމަދު ޝަމްޢާން ވަޙީދާއި އިމިގްރޭޝަންގެ ބައެއް މުވައްޒަފުން ގުޅިގެން، މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ބިދޭސީންގެ އަތުން ނުހައްގު މާލީ މަންފާ ހޯދައި، އެ ފައިސާ ބޭނުންކޮށްގެން މަނީ ލޯންޑަރިންގެ ޢަމަލުތައް ހިންގާފައިވާ ކަމަށް ފުލުހުން ވަނީ ތުހުމަތުކޮށްފައެވެ. މި މައްސަލައިގެ ތަހުގީގަށް ހޯދިފައިވާ މައުލޫމާތަށް ބަލާއިރު، 2025 މާރިޗު 11 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެއްގެ ތަފްސީލު ޝަމްޢާނަށް އެނގޭކަމާއި، އޭގެ ހަފުތާއެއް ކުރިން އެކަމާ ގުޅޭ މަޝްވަރާތައް އޭނާގެ އޮފީހުގައި ބާއްވާފައިވާކަން ވަނީ ކަށަވަރުވެފައެވެ.
ތަހުގީގުން ހާމަވެފައިވާ ގޮތުގައި، އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނައި ބިދޭސީއަކު ދޫކޮށްލުމަށް ޝަމްޢާން އިރުޝާދު ދެއްވިއެވެ. އަދި އެ މީހާ ދޫކޮށްލުމުގެ ބަދަލެއްގެ ގޮތުން 500,000 (ފަސްލައްކަ) ރުފިޔާ ދިނުމަށް އެއްބަސްވެ، އިމިގްރޭޝަންގެ ދެ މުވައްޒަފަކު ފައިސާ ހުރި ކޮތަޅެއް ހިފައިގެން ދަންވަރު 3:00 ހާއިރު ޝަމްޢާން ދިރިއުޅޭ އެޕާޓްމަންޓަށް ވަދެފައިވާކަން ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ އިތުރުން، ޖެހިގެން އައި ދުވަހު ޝަމްޢާންގެ ބޭންކް އެކައުންޓްތަކަށް 259,837.35 ރުފިޔާ ޖަމާކޮށްފައިވާކަން ވެސް ތަހުގީގަށް ވަނީ ހޯދިފައެވެ.
ފުލުހުން ހާމަކުރި ގޮތުގައި، މުޅި ތަހުގީގުގެ މަރުހަލާގައާއި ޝަރުއީ މަރުހަލާގައިވެސް، ތަހުގީގުގެ ބޭނުމަށް ހިފަހައްޓާފައިވާ ފޯނު ހުޅުވުމަށް ބޭނުންވާ ލޮކް ކޯޑު ޝަމްޢާން ދީފައެއް ނުވެއެވެ. އެހެންކަމުން ފޯނުގައި ހުރި މައުލޫމާތުތައް ބެލުމުގެ ފުރުސަތު ތަހުގީގަށް ލިބިފައެއް ނުވެއެވެ. ޝަމްޢާން މީޑިއާގައި އޭނާގެ ފޯނުގައި ކޮރަޕްޝަނާ ގުޅޭ ހެކި ހުރި ކަމަށް ބުނި ނަމަވެސް، އޭނާ ބަންދުން ދޫކޮށްލި ފަހުންވެސް އެފަދަ އެއްވެސް މައުލޫމާތެއް ރަސްމީ އިދާރާއަކާ ހިއްސާކޮށްފައި ނުވާކަން ފުލުހުން ފާހަގަކުރެއެވެ.
މި ތަހުގީގަކީ ވަކި ނަތީޖާއެއް ނެރުމަށް ރާވައިގެން ހިންގި ނުވަތަ ސިޔާސީ ނުފޫޒު އޮތް ކަމަށް ކުރާ ތުހުމަތުތަކަކީ އެއްވެސް އަސާސެއް ނެތް ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށް ފުލުހުން ބުންޏެވެ.
"ތަހުގީގުން ނިންމާފައިވާ ހުރިހާ ނިންމުންތަކަކީވެސް ތަހުގީގަށް ލިބިފައިވާ ހެކިތަކުގެ މައްޗަށް ބިނާކޮށް، ކަމާބެހޭ ގާނޫނުތަކާއި އުސޫލުތަކުގެ ތެރެއިން މި މުއައްސަސާއިން މިނިވަންކަމާއެކު ނިންމާފައިވާ ނިންމުންތަކެއް،" ފުލުހުންގެ ބަޔާނުގައިވެއެވެ.
މި މައްސަލައިގައި ކްރިމިނަލް ކޯޓުން މިހާރު ވަނީ ހުކުމް އިއްވާފައެވެ. ފުލުހުން ބުނީ ކޯޓުގެ ނިންމުމަކާމެދު ހިތްހަމަނުޖެހޭނަމަ އޮތް ގާނޫނީ ހައްލަކީ ޝަރުއީ ނިޒާމުގެ ތެރެއިން އިސްތިއުނާފު ކުރުން ކަމަށާއި، ފަނޑިޔާރުގޭގެ މިނިވަންކަމަށް ފުލުހުން ފުރިހަމައަށް އިހުތިރާމްކުރާ ކަމަށެވެ.


