ފުލުހުންގެ ރަސްމީ ވާޖިބު އަދާކުރަމުން ދަނިކޮށް ރޭ ދަންވަރު ނިޔާވި ސީނިއާ ސާޖަންޓް އަޙްމަދު އާސިފަށް، ސަބް އިންސްޕެކްޓާ އޮފް ޕޮލިސްގެ ރޭންކް މިއަދު އަރުވައިފިއެވެ.
އާސިފް ނިޔާވީ ރޭ ދަންވަރުގެ ވަގުތެއްގައި ފުލުހުން ކަނޑުމަތީގައި ހިންގި ހާއްސަ އޮޕަރޭޝަނެއްގައި ހަރަކާތްތެރިވަމުން ދަނިކޮށް ހިނގި ހާދިސާއެއްގައެވެ. އޭނާ ހޯދުމަށް ފުލުހުން ކުރި މަސައްކަތުން އާސިފް ފެނިފައިވަނީ މޫދު އަޑިންނެވެ.
މޫދު އަޑިން ފެނުމާއެކު އޭނާ ވަނީ ވަގުތުން އއ. މަތިވެރި ސިއްހީ މަރުކަޒަށް ގެންގޮސްފައެވެ. ނަމަވެސް، ސިއްހީ މަރުކަޒަށް ގެންދިޔައިރުވެސް އޭނާ ނިޔާވެފައިވާ ކަމަށް މައުލޫމާތު ލިބިފައިވެއެވެ.
މި ހާދިސާ ހިނގަން މެދުވެރިވި ސީދާ ސަބަބާއި، އެ ވަގުތު ކުރިއަށްގެންދިޔަ އޮޕަރޭޝަނާ ގުޅޭ އިތުރު ތަފުސީލުތައް ފުލުހުންގެ އިދާރާއިން އަންނަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.


