ފުލުހުން ކުރިއަށް ގެންދިޔަ އޮޕަރޭޝަނެއްގައި ރޭ އުޅުނު ފުލުހަކު މޫދު އަޑީގައި މަރުވެފައި އޮއްވާ ފެނިއްޖެއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ ރޭ ދަންވަރު ފުލުހުން ކުރިއަށްގެންދިޔަ އޮޕަރޭޝަނެއްގައި ހަރަކާތްތެރިވި "ޕޮލިސް ލޯންޗް 57″ ގައި ތިބި ފުލުހުންގެ ތެރެއިން ފުލުހަކު ގެއްލިފައިވާ ކަމަށެވެ.
މި ހާދިސާ ސަމާލުކަމަށް އައުމާއެކު އޭނާ ހޯދުމުގެ މަސައްކަތް ވަގުތުން ފަށާފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އެގޮތުން، އޭނާ ހޯދުމުގެ މަސައްކަތުގެ ތެރެއިން، އެ ފުލުސް މީހާ މޫދު އަޑިން ފެނިފައިވާ ކަމަށާއި އަދި އޭނާގެ ހަށިގަނޑު މިހާރު އއ. މަތިވެރި ސިއްހީ މަރުކަޒަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އެ ރަށު ސިއްހީ މަރުކަޒާ ހަވާލާދީ ފުލުހުން ބުނީ އޭނާ އެތަނަށް ގެންދިޔައިރުވެސް ނިޔާވެފައިވާކަމަށެވެ.
މަރުވެފައިވަނީ ދިވެހި ފުލުހުންގެ ޚިދުމަތުގެ ސީނިއާ ސާޖަންޓް އަޙްމަދު އާސިފެވެ.
ހަރަކާތްތެރިވީ ކޮން އޮޕަރޭޝަނެއްގައި ކަމެއް, އަދި ކަންކަން ހިނގައި ދިޔައީ ކިހިނެއް ކަމެއް ވެސް އަދި ފުލުހުން ހާމައެއް ނުކުރެއެވެ.
"މި ހިތާމަވެރި ދަނޑިވަޅުގައި، ދިވެހި ފުލުހުންގެ ހިދުމަތުން ދަނީ ނިޔާވި އޮފިސަރުގެ އާއިލާއަށާއި އެކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދެމުން" ފުލުހުން ވަނީ ބުނެފައެވެ.
މި މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.


