މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން ކާމިޔާބުކުރެއްވި އަބްދުﷲ ޞާދިގު، ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމުގެ ހުވާކުރެއްވުމުގެ ރަސްމިއްޔާތު އަންނަ ހޯމަ ދުވަހު ބޭއްވުމަށް ހަމަޖައްސައިފިއެވެ. މި ރަސްމިއްޔާތު އޮންނާނީ އެ ދުވަހުގެ ހެނދުނު 08:30 ގައި ރައްޔިތުންގެ މަޖިލީހުގެ އިދާރާގައެވެ.
މަޖިލީހުގެ އިދާރާއިން މައުލޫމާތު ދޭ ގޮތުގައި، މި ދައުރުގެ މަޖިލީހުގެ ޖަލްސާތައް ފެށުންވެސް މިހާރު ވަނީ ޞާދިގު ހުވާކުރައްވާ ދުވަހާ ގުޅުވައި، އަންނަ ހޯމަ ދުވަހަށް ފަސްކޮށްފައެވެ.
ނިމިދިޔަ ބައި-އިލެކްޝަންގައި ޞާދިގު މި ގޮނޑި ކާމިޔާބުކުރެއްވީ ޕީއެންސީގެ ކެންޑިޑޭޓް އަޙްމަދު ސަޢީދާ ވާދަކުރައްވައި 1,375 ވޯޓު ހޯއްދަވައިގެންނެވެ. މި އިންތިޚާބަކީ އެ ދާއިރާގެ ރައްޔިތުންގެ މެދުގައި ފޯރިގަދަ ވާދަވެރިކަމެއް ފެނިގެންދިޔަ އިންތިޚާބެކެވެ.
ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ހުސްވީ، ކުރިން އެ މަގާމުގައި ހުންނެވި މުޙައްމަދު ސިނާން ބޭންކަކުން ނަންގަވާފައިވާ ލޯނެއް ނުދެއްކެވުމުގެ ސަބަބުން، ސުޕްރީމް ކޯޓުން އޭނާގެ ގޮނޑި ގެއްލިފައިވާކަމަށް ކަނޑައެޅުމާ ގުޅިގެންނެވެ. މި ހުކުމާ ގުޅިގެން އިލެކްޝަންސް ކޮމިޝަނުން ވަނީ ގާނޫނީ މުއްދަތުގެ ތެރޭގައި ބައި-އިލެކްޝަން ބާއްވާފައެވެ.


