Tuesday, 28 July 2026
ކުރީގެ ރައީސް މުހައްމަދު ނަޝީދު -- ފޮޓޯ: އެކްސް

ސަރުކާރުން ދަރަނި ދައްކަނީ އާސަންދަ ފަދަ ސަބްސިޑީތައް ކުޑަކޮށްގެން: ނަޝީދު

މިހާރުގެ ސަރުކާރުން ދައުލަތުގެ ދަރަނި އަދާކުރަމުންދަނީ އިތުރު ދަރަނި ނަގައިގެންނާއި، އާސަންދަ ފަދަ ރައްޔިތުންނަށް މުހިންމު ސަބްސިޑީތައް ކުޑަކޮށްގެން ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ރައީސް ނަޝީދު މިހެން ވިދާޅުވީ އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގެ ކެމްޕެއިނަށް ނ. ކުޑަފަރިއަށް ކުރެއްވި ދަތުރުފުޅުގައި އެ ރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސް ނަޝީދު ވިދާޅުވީ، ސަރުކާރުން ބޭސް އެތެރެނުކޮށް، ރައްޔިތުންނަށް ދޭންޖެހޭ އަސާސީ ޚިދުމަތްތައް ނުދީ ހިފެހެއްޓުމުން އިތުރުވާ ފައިސާ ބޭނުންކުރަނީ ދަރަނި ދެއްކުމަށް ކަމަށެވެ. އެ މަނިކުފާނު ފާހަގަކުރެއްވި ގޮތުގައި މިފަދަ ސިޔާސަތުތަކުގެ ސަބަބުން ރައްޔިތުންނަށް ލިބެންޖެހޭ އިނާޔަތްތަކާއި ޚިދުމަތްތަކަށް ވަނީ ބޮޑެތި ހުރަސްތަކެއް ކުރިމަތިވެފައެވެ.

އެމްޑީޕީގެ އިގްތިސާދީ ތަސައްވުރާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވީ، އެ ޕާޓީގެ އަމާޒަކީ ރައްޔިތުން މުއްސަނދިކޮށްގެން ގައުމުގެ ދަރަނި އަދާކުރުން ކަމަށެވެ. އަދި މިހާރު ލިބޭ އާމްދަނީ ދެގުނަ ކުރުމަކީ އެ ޕާޓީގެ ތަސައްވުރު ކަމަށާއި، ކޮންމެ އާއިލާއަކަށް މަހެއްގެ މައްޗަށް މަދުވެގެން 60،000 ރުފިޠާ ލިބެންޖެހޭނެ ކަމަށް ގަބޫލުކުރައްވާ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވިއެވެ.

މި އަމާޒަށް ވާސިލުވުމަށްޓަކައި، އަމިއްލަ މަސައްކަތްކުރާ ފަރާތްތަކަށް، ހާއްސަކޮށް މަހަށް ދިޔުމާއި، ކޭކު އެޅުމާއި، އަދި ހެދިކާ ހެދުން ފަދަ މަސައްކަތްތަކުގައި އުޅޭ ފަރާތްތަކަށް ފަހިވާނެހެން ސިޔާސަތުތައް ބަދަލުކޮށް އެކުލަވާލާނެ ކަމުގެ ޔަގީންކަން ރައީސް ނަޝީދު ދެއްވިއެވެ.

ނަޝީދުގެ ވާހަކަފުޅުގައި އެމްޑީޕީގެ ފުރަތަމަ ވެރިކަމުގައި ތައާރަފުކުރެވުނު މުހިންމު މަޝްރޫއުތަކަށް އަލިއަޅުވާލެއްވިއެވެ. އެގޮތުން އާސަންދައާއި، އުމުރުން ދުވަސްވީ މީހުންގެ އިނާޔަތާއި، އެކަނިވެރި މައިންގެ އެލަވަންސް ފަދަ އިޖުތިމާއީ ރައްކާތެރިކަމުގެ ނިޒާމުތަކަކީ އެމްޑީޕީން ރައްޔިތުންނަށްޓަކައި ކޮށްދީފައިވާ އަގުހުރި މަސައްކަތްތަކެއްކަން އެ މަނިކުފާނު ހަނދާންކޮށްދެއްވިއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *