އިމިގްރޭޝަންސްގެ ކުރީގެ ކޮންޓްރޯލާ ޖެނެރަލް މުހައްމަދު ޝަމްއާން ވަހީދުގެ މައްޗަށް މަނީ ލޯންޑާ ކުރުމާއި، ފޭރުމުގެ އިތުރުން ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރި ކަމުގެ ތިން ދައުވާ ވެސް ސާބިތުވެއްޖެއެވެ.
އިމިގްރޭޝަންގެ ބައެއް މުވައްޒަފުން މަގާމުގެ ނުފޫޒު ބޭނުންކޮށް ބިދޭސީ މަސައްކަތްތެރިންގެ އަތުން ނާޖާއިޒު މަންފާ ހޯދި މައްސަލައާ ގުޅިގެން ޝަމްއާން މަގާމުން ވަކިކޮށް އޭނާގެ މައްޗަށް ވަނީ ފޭރުމާއި މަގާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކުރުމާއި، މަނީ ލޯންޑަރިންގެ ދައުވާ އުފުލާފައެވެ. މި ތިން ދައުވާ ވެސް ޝައްކެއް ނެތް މިންވަރަށް އޭނާގެ މައްޗަށް ސާބިތުވާ ކަމަށް ކޯޓުން ވަނީ ކަނޑައަޅާފައެވެ.
ޝަމްއާންގެ މައްޗަށް އިމިގްރޭޝަންގެ ބައެއް މުވައްޒަފުންނާ ގުޅިގެން ގަވައިދާ ޚިލާފު އޮޕަރޭޝަނެއްގައި ބިދޭސީ މަސައްކަތްތެރިންގެ ބަޔަކު ހައްޔަރުކޮށް އޭގެ ތެރެއިން އެކަކުގެ އަތުން 530،000 ރުފިޔާ ނެގި ކަމަށް ތުހުމަތު ކުރި ނަމަވެސް އޭނާ ވަނީ އެ ހުރިހާ ދައުވާތަކަކަށް އިންކާރު ކޮށްފައެވެ.
ޝަމްއާން ވަނީ އަޑުއެހުމަށް ވަދެވަޑައިގަތުމުގެ ކުރިން ނޫސްވެރިންނާ ބައްދަލުކުރައްވައި ޝަމްއާން ވަނީ އެ މައްސަލައަކީ ހޯމް މިނިސްޓަރު އަލީ އިހުސާންގެ އަމުރަށް، ވަކި ބަޔަކު ބޭނުންކޮށްގެން އޭނާ ފްރޭމްކޮށްގެން ކުރިއަށްގެންދާ މައްސަލައެއް ކަމަށް ވިދާޅުވެފައެވެ. އަދި އެ މައްސަލައިގައި އޭނާއަށް ޖަލު ހުކުމެއް ކުރާނެކަން ކަށަވަރުވާ ކަމަށާއި އެހެންވެ، މައްސަލައާ ގުޅޭ މައުލޫމާތު ހިއްސާކުރަން ނިންމީ ކަމަށް އޭނާ ވިދާޅުވިއެވެ.
ދައުވާތައް ސާބިތުވާ ކަމަށް ކޯޓުން ކަނޑައެޅުމާ ގުޅިގެން، މިހާރު ކުރިއަށް ދަނީ އަދަބާ ގުޅޭ ގޮތުން ވާހަކަ ދެއްކުމުގެ މަރުހަލާއެވެ. މި މަރުހަލާގައި ދައުލަތުން އެދިފައިވަނީ ޝަމްއާންގެ މައްޗަށް ގާނޫނުގައި ކަނޑައެޅިފައިވާ އެންމެ ބޮޑު އަދަބު ކަނޑައަޅައިދިނުމަށެވެ. ދައުލަތުގެ ވަކީލުން ފާހަގަކުރެއްވި ގޮތުގައި، މީގެކުރިން ފެނަކަ ކޯޕަރޭޝަންގެ ކުރީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ސައީދުގެ މައްޗަށް ހުކުމް އިއްވި އުސޫލުން، ދައުލަތުގެ އިސް މަގާމުތަކުގައި ތިއްބަވައިގެން ހިންގާ ކުށްތަކަށް ބޮޑެތި އަދަބު ދިނުމަކީ މުހިންމު ކަމެކެވެ.


