މޯލްޑިވްސް ފިޝަރީޒް އެންޑް އެގްރިކަލްޗަރަލް ކޮމްޕެނީ (މިފްކޯ) އިން ކަޅުބިލަމަސް ކިލޯއެއް ގަންނަ އަގު 20 ރުފިޔާއަށް މިއަދު ބޮޑުކޮށްފިއެވެ. މިއީ އެ ކުންފުނިން މަސް ގަންނަ އަގު 18 ރުފިޔާ 50 ލާރިއަށް ބޮޑުކުރިތާ 48 ގަޑިއިރުވެސް ނުވަނީސް ގެނައި ބަދަލެކެވެ.
މިފްކޯއިން މަސް ގަންނަ އަގަށް މި ގެނައި ބަދަލަކީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅާ އެއްގޮތަށް، މަސްވެރިންނަށް ލިބޭ އާމްދަނީ އިތުރުކުރުމަށްޓަކައި ގެނައި ބަދަލެއް ކަމަށް އެ ކުންފުނިން މަޢުލޫމާތުދެއެވެ.
ރާއްޖޭގެ ބައެއް ސަރަހައްދުތަކުގައި މަސްވެރިކަން ދަށްވެފައިވާ މި ދަނޑިވަޅުގައި، ސަރުކާރުން ވަނީ ކަޅުބިލަމަހުގެ އެންމެ ދަށް އަގަކީ 16 ރުފިޔާ ކަމުގައި ކަނޑައަޅާފައެވެ. މިއީ ބައިނަލްއަޤްވާމީ ބާޒާރުގައި މަހުގެ އަގަށް އަންނަ ބަދަލުތަކާއެކުވެސް މަސްވެރިންނަށް އެންމެ ކުޑަމިނުން ލިބޭނެ އަގު ކަށަވަރުކުރުމަށް އެޅި ފިޔަވަޅެކެވެ.
ކަޅުބިލަމަހުގެ އަގަށް މި ބަދަލުތައް ގެނައި ނަމަވެސް، މިފްކޯއިން ކަންނެލި ގަންނަ އަގަކަށް އެއްވެސް ބަދަލެއް ގެނެސްފައެއް ނުވެއެވެ.


