Tuesday, 28 July 2026
ދިވެހި ވަތަނީ ޚިދުމަތުގެ ތިންވަނަ ބެޗުގެ ތަމްރީނުތަކަށް 352 ޒުވާނުން މިއަދު ފުރުން -- ފޮޓޯ: އެކްސް

ވަތަނީ ޚިދުމަތުގެ ތިންވަނަ ބެޗުގެ ތަމްރީނަށް 352 ޒުވާނުން މާފިލާފުއްޓަށް ފުރައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިސްނަންގަވައިގެން، ޒުވާނުން ބިނާކުރުމުގެ މުހިންމު ސިޔާސަތުގެ ދަށުން ކުރިއަށްގެންދާ ދިވެހި ވަތަނީ ޚިދުމަތުގެ ތިންވަނަ ބެޗުގެ ތަމްރީނުތަކަށް 352 ޒުވާނުން މިއަދު ފުރައިފިއެވެ. މި ޒުވާނުން ތަމްރީނު ފުރިހަމަކުރާނީ ޅ. މާފިލާފުށީގައި ހުންނަ އެމްއެންޑީއެފް ކޮމްޕޮސިޓް ޓްރޭނިންގ ސެންޓަރުގައެވެ.

މި ޕްރޮގްރާމަށް ހުޅުވާލި ދެވަނަ ފުރުސަތުގައި 1785 ޒުވާނުން ކުރިމަތިލާފައިވާއިރު، ތިންވަނަ ބެޗުގައި ހިމެނެނީ ރާއްޖޭގެ 20 އަތޮޅެއްގެ 115 ރަށަކަށް ނިސްބަތްވާ 64 އަންހެން ބައިވެރިންނާއި 288 ފިރިހެން ބައިވެރިންނެވެ. ތިން މަސްދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މި ތަމްރީނުގައި ދިވެހި ގައުމިއްޔަތާއި، ދީނީ ތަރުބިއްޔަތާއި، އަޚްލާގާއި ސުލޫކު، ލީޑާޝިޕް، އަދި ހަށިހެޔޮކަމުގެ އިތުރުން ދިރިއުޅުމުގެ މައިދާނުގައި ބޭނުންވާނެ ތަފާތު ހުނަރުތައް އުނގަންނައިދެވޭނެއެވެ.

ވަތަނީ ޚިދުމަތުގެ މި މަޝްރޫއަކީ އަމިއްލަ ނަފްސަށް އިތުބާރުކުރާ، އަގީދާ ވަރުގަދަ، އަދި ޒިންމާދާރު ޒުވާން ޖީލެއް ބިނާކުރުމަށް ސަރުކާރުން ގެންގުޅޭ އެންމެ މުހިންމު އެއް ސިޔާސަތެވެ. މި ޕްރޮގްރާމުގެ ފުރަތަމަ ބެޗުން 346 ދަރިވަރުން އަދި ދެވަނަ ބެޗުން 344 ދަރިވަރުން ވަނީ ކާމިޔާބުކަމާއެކު ތަމްރީނު ފުރިހަމަކޮށް ދަސްވެނިވެފައެވެ.

މި ބެޗުގެ ބައިވެރިން ފުރުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ވަނީ ހުރިހާ ބައިވެރިންނަށްވެސް ސާބިތުކަމާއި ކާމިޔާބީއަށް އެދިވަޑައިގެންފައެވެ. ސަރުކާރުގެ އަމާޒަކީ މި ޕްރޮގްރާމް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންގޮސް، ގައުމީ ރޫހު ހުރި ދުޅަހެޔޮ ޖީލެއް ބިނާކުރުމެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *