Tuesday, 28 July 2026
ކޮމިޝަނާރ އޮފް ޕްރިޒަނާ ހަސަން ޒަރީރު -- ފޮޓޯ: ސީއެންއެމް

ޖަލަށް މަނާތަކެތި ވެއްދުމަށް ބޭނުންކުރި 5 ޑްރޯންއެއް ހިފަހައްޓައިފި

މިދިޔަ ރަމަޟާން މަހުން ފެށިގެން މިހާތަނަށް ޖަލަށް މަނާތަކެތި ވެއްދުމަށް ބޭނުންކުރި ފަސް ޑްރޯންއެއް ކަރެކްޝަނަލް ސާވިސްގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށް ކޮމިޝަނާ އޮފް ޕްރިޒަންސް ހަސަން ޒަރީރު ހާމަކުރައްވައިފިއެވެ.

ޕީއެސްއެމް ނިއުސްގެ "ރާއްޖެ މިއަދު" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ކޮމިޝަނާ ވިދާޅުވީ، ކުށްކުރާ ފަރާތްތަކުން މިހާރު ޒަމާނީ ޓެކްނޮލޮޖީގެ ބޭނުން ހިފައިގެން ޖަލަށް ފޯނާއި މަސްތުވާތަކެތި ވެއްދުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

ކޮމިޝަނަރ ޒަރީރު ފާހަގަކުރެއްވި ގޮތުގައި ޖަލަށް ތަކެތި ވެއްދުމަށް ބޭނުންކުރަނީ އަޑު މަޑު ޑްރޯންތަކެކެވެ. މިފަދަ ތަކެތި ހުއްޓުވުމަށް ބޭނުންވާ ޒަމާނީ ވަސީލަތްތައް ޖަލުތަކުގައި މިވަގުތު ގާއިމުވެފައި ނެތް ނަމަވެސް، މިހާތަނަށް އަތުލައިގަނެވުނު ޑްރޯންތަކަކީ ޖަލު ބަލަހައްޓަން ތިބި އޮފިސަރުންގެ ހުޝިޔާރުކަމުން އަތުލައިގަނެވުނު ތަކެތި ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އިސްނެންގެވުމާއެކު މިކަމަށް ވަރަށް އަވަހަށް ޓެކްނޮލޮޖީގެ އެހީގައި ހައްލެއް ލިބޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށްވެސް ވިދާޅުވިއެވެ.

ޖަލުތަކުގެ ސެކިއުރިޓީ ވަރުގަދަކުރުމަށް ކުރެވޭ މަސައްކަތްތަކަށް އަލިއަޅުއްވާލައްވަމުން ކޮމިޝަނާ ވިދާޅުވީ، މިއަހަރުގެ ފެބުރުވަރީ މަހު މާފުށީ ޖަލުގައި ފުރަތަމަ ފަހަރަށް ބޮޑީ ސްކޭނަރެއް ބަހައްޓާފައިވާ ކަމަށެވެ.

މީގެ އިތުރުން، ބަގޭޖް ސްކްރީން ކުރާ ސިސްޓަމްތައް މިހާރު ގެނެސްފައިވާ ކަމަށާއި، މި ހިނގާ މަހުގެ ތެރޭގައި އެ ތަކެތި ބޭނުންކުރަން ފެށުމުން ޖަލަށް މަނާތަކެތި ވެއްދުން ކޮންޓްރޯލް ކުރުމަށް އިތުރު ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ޒަރީރު ވިދާޅުވިއެވެ.

 

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *