މިނިސްޓާ އޮފް ފައިނޭންސްގެ މަގާމުގައި ހުންނެވި މޫސާ ޒަމީރު މިއަދު އެ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި، ޒަމީރު މަގާމުން އިސްތިއުފާ ދެއްވިކަން ބަޔާންކުރައްވައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް ފޮނުއްވި ސިޓީގައި، އިސްތިއުފާ ދެއްވި މައިގަނޑު ސަބަބެއްގެ ގޮތުގައި ފާހަގަކުރައްވާފައިވަނީ ސިއްހީ ހާލަތެވެ.
މޫސާ ޒަމީރަކީ ރައީސް ޑރ. މުއިއްޒުގެ ސަރުކާރު އެންމެ ފުރަތަމަ އެކުލަވައިލިއިރު ފޮރިން މިނިސްޓަރުގެ މަގާމު ފުރުއްވި ބޭފުޅެކެވެ. އޭނާ ފިނޭންސް މިނިސްޓަރުކަމުގެ މަގާމާ ހަވާލުވެވަޑައިގެންނެވީ 2024 ވަނަ އަހަރުގެ ސެޕްޓެމްބަރު 30 ގައި ކެބިނެޓަށް ގެނައި ފުރަތަމަ ބަދަލުތަކުގެ ތެރެއިން، އޭރު އެ މަގާމުގައި ހުންނެވި ޑރ. މުހައްމަދު ޝަފީގު އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.
ވަޒީރުކަމުގެ އިތުރުން ޒަމީރު ވަނީ ސަރުކާރުގެ މުހިންމު އެހެން ޒިންމާތަކެއްވެސް އުފުއްލަވާފައެވެ. އެގޮތުން، މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށް ކޮށްފާނެ އަސަރުތައް ދެނެގަތުމަށް ރައީސް އުފެއްދެވި ވަޒީރުންގެ ހާއްސަ ކޮމިޓީގެ މުގައްރިރުކަމާއި، ލޯކަލް ގަވަރްމެންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ރައީސްގެ މަގާމުވެސް އޭނާ ވަނީ ފުރުއްވާފައެވެ.


