Tuesday, 28 July 2026
ރައީސް ޑރ. މުހައްމަދު މުއިއްޒު ނޫސްވެރިންނާއި ބައްދަލުކުރައްވަނީ -- ފޮޓޯ: ރައީސް އޮފީސް

މައުލޫމާތު ހާމަކުރުމުގައި ރައީސް އޮފީހާއި ހުރިހާ މިނިސްޓްރީތަކުން 100 އިންސައްތަ ކާމިޔާބީއެއް ހޯދައިފި: ރައީސް

މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނު (އާރުޓީއައި) 2014 ވަނަ އަހަރު އަމަލުކުރަން ފެށި ފަހުން، ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި ހުރިހާ ވުޒާރާތަކުން އިސްނަގައިގެން މައުލޫމާތު ހާމަކުރުމުގެ (ޕްރޯއެކްޓިވް ޑިސްކްލޯޝާ) ޝަރުތުތައް ފުރިހަމައަށް ފުރިހަމަކުރި މިއީ ފުރަތަމަ ފަހަރު ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިއަދު ކުރެއްވި އެކްސް ޕޯސްޓެއްގައި ވިދާޅުވީ، މީގެ ކުރިން އާންމުންނަށް ލިބެން ނެތް ގިނަ މައުލޫމާތުތަކެއް މިހާރު އާންމުކޮށް ލިބޭނެ ގޮތް ހަމަޖައްސާފައިވާ ކަމަށެވެ. މިއީ ދެފުށް ފެންނަ ސަރުކާރެއް ހިންގުމަށާއި، ދައުލަތުގެ މުއައްސަސާތަކުގެ ޒިންމާދާރުކަން އިތުރުކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއްގެ ގޮތުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

"ދެފުށް ފެންނަ ގޮތަށް ކަންކަން ކުރުމަކީ ހަމައެކަނި ސިޔާސީ މަގްސަދެއް ނޫން. މި ސަރުކާރުން ގަބޫލުކުރާ ގޮތުގައި މައުލޫމާތު ހޯދައި ލިބިގަތުމުގެ އަސާސީ ހައްގަކީ ރައްޔިތުންގެ އިތުބާރު ދެމެހެއްޓުމަށާއި ޑިމޮކްރެޓިކް ނިޒާމެއް ހަރުދަނާކުރުމުގެ ބިންގާ،" ރައީސް ވިދާޅުވިއެވެ.

މި ކާމިޔާބީ ހާސިލުކުރުމަށް މަސައްކަތް ކުރެއްވި ހުރިހާ މުއައްސަސާތަކަށާއި ސަރުކާރުގެ މުވައްޒަފުންނަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ޝުކުރު އަދާކުރައްވާފައެވެ. އަދި ކުރިއަށް އޮތް ތަނުގައި ޑިޖިޓަލް ވަސީލަތްތައް މެދުވެރިކޮށް ސަރުކާރުގެ މައުލޫމާތުތައް އާންމުންނަށް ފަސޭހައިން ލިބޭނެ އިންތިޒާމުތައް އިތުރަށް ހަރުދަނާ ކުރައްވާނެ ކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވިއެވެ.

މި ނިންމުމުގެ ސަބަބުން ސަރުކާރުގެ ނިންމުންތަކުގައާއި ހަރަކާތްތަކުގައި ރައްޔިތުންގެ ބައިވެރިވުން އިތުރުވެ، ސަރުކާރުގެ ޖަވާބުދާރީވުން އިތުރަށް ވަރުގަދަވެގެންދާނެ ކަމަށް ބެލެވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *