މަސްތުވާތަކެތީގެ މައްސަލައެއްގައި ތ. ވިލުފުށިން ތިން މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ. މި އޮޕަރޭޝަނަކީ ތިމަރަފުއްޓަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި ހާއްސަ އޮޕަރޭޝަނެކެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ދ. ހުޅުދެލި، ބުލޫބެލް، ޙަސަން ވަޙީދު (28އ) އާއި، ތ. ވިލުފުށި، ޗަމްޕާޕޫލްގެ، މުސާ ފާތިކު (31އ) ގެ އިތުރުން ތ. ތިމަރަފުށި، ހިރި، ޢާޞް އިބްރާހީމް (34އ) އެވެ. މި ތިން މީހުން ހައްޔަރުކޮށްފައިވަނީ ޖޫން މަހުގެ 2 ވަނަ ދުވަހުއެވެ.
ވިލުފުށީ ޕޮލިސް ސްޓޭޝަނާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި މި އޮޕަރޭޝަންގައި، އެ މީހުން ވިލުފުށީ މަގުމަތިން ހުއްޓުވައި ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތި ފެނިފައިވެއެވެ. ފުލުހުން ހާމަކުރި ގޮތުގައި ފެނުނު ތަކެތީގެ ވަގުތީ ބަރުދަނަކީ 41.62 ގުރާމެވެ.
ހައްޔަރުކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ޙަސަން ވަޙީދު އާއި މުސާ ފާތިކު 10 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ. އަދި ޢާޞް އިބްރާހީމް 15 ދުވަހުގެ މުއްދަތަށް ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އަމުރު ދީފައެވެ.
މި މައްސަލަ ފުލުހުން އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށް އެ މުއައްސަސާއިން މައުލޫމާތު ދެއެވެ.


