މިއަހަރުގެ މަތިވެރި ޙައްޖުގެ އަޅުކަން އަދާކުރުމަށްފަހު، ދިވެހި ޙައްޖުވެރިންގެ ދެވަނަ ގްރޫޕް ރާއްޖެއަށް އައުމަށްޓަކައި މަދީނާ އެއަރޕޯޓުން ފުރައިފިއެވެ. ޖުމްލަ 262 ޙައްޖާޖީން ހިމެނޭ މި ގްރޫޕް ރާއްޖެއަށް ދަތުރުކުރަނީ ޤައުމީ އެއަރލައިން، މޯލްޑިވިއަންގެ ޚާއްޞަ ފްލައިޓެއްގައެވެ. މިފަހަރުގެ ޙައްޖުވެރިން އަނބުރާ ރާއްޖެ އައުމުގެ ދަތުރުތައް އިންތިޒާމްކޮށްފައިވަނީ ސައުދިއާ އެއަރލައިން އަދި މޯލްޑިވިއަން މެދުވެރިކޮށެވެ.
މޯލްޑިވިއަންގެ ފްލައިޓުން ދަތުރުކުރާ ޙާޖީންނަށް ލުއިފަސޭހަ އިންތިޒާމްތަކެއް ވަނީ ހަމަޖައްސާފައެވެ. އެގޮތުން ޙައްޖުވެރިން އެއަރޕޯޓަށް ދިއުމުގެ ކުރިން ލަގެޖްތައް ޕްރީ-ޗެކިންކޮށް، ބޯޑިން ޕާސްތައް ދުރާލާ ވަނީ ޙަވާލުކޮށްފައެވެ. މީގެ ސަބަބުން އެއަރޕޯޓުގައި ހޭދަކުރަންޖެހޭ ވަގުތު ކުޑަވެ، ދަތުރުގެ ކަންކަން ވަރަށް އޮމާންކަމާއެކު ކުރިއަށްދާކަން ފާހަގަކުރެވެއެވެ.
ޙައްޖުވެރިންގެ ފުރަތަމަ ގްރޫޕް 240 އަށްވުރެ ގިނަ ޙާޖީންނާއެކު މިދިޔަ ހުކުރު ދުވަހުގެރޭ ވަނީ ރާއްޖެއަށް އައިސްފައެވެ. ޙައްޖު ކޯޕަރޭޝަނުން މަޢުލޫމާތު ދޭގޮތުގައި، ބާކީ ތިބި ޙައްޖުވެރިން ރާއްޖެއަށް ގެނައުމަށް ހަމަޖެހިފައިވާ ފަހު ފްލައިޓްތައް ކުރިއަށް އޮތް ހޯމަ އަދި އަންގާރަ ދުވަހު އޮންނާނެއެވެ.


