Tuesday, 28 July 2026
ރައީސް މުއިއްޒު ނޫސްވެރިންނާއި ބައްދަލުކުރައްވަނީ -- ފޮޓޯ: ރައީސް އޮފީސް

ރާއްޖޭގައި ބޭނުންކުރާ ހުރިހާ ކާބޯތަކެއްޗަކީ ރައްކާތެރި ތަކެތިކަން ކަށަވަރުކުރުމަށް ސަރުކާރުން އިސްކަންދޭނެ: ރައީސް

ދުނިޔޭގެ ކާބޯތަކެތީގެ ރައްކާތެރިކަމުގެ ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވި މެސެޖެއްގައި، ރާއްޖޭގައި ބޭނުންކުރާ ހުރިހާ ކާބޯތަކެއްޗަކީ ރައްކާތެރި އަދި އިތުބާރު ހިފޭ ތަކެތިކަން ކަށަވަރުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ މައްޗަށް އަލިއަޅުއްވާލައްވައިފިއެވެ. ރައީސް ވިދާޅުވީ ކާބޯތަކެތީގެ ރައްކާތެރިކަމަކީ އާންމު ޞިއްޙަތު ރައްކާތެރިކުރުމަށާއި ދެމެހެއްޓެނިވި ތަރައްޤީއަށް ކޮންމެހެން މުހިންމު ކަމެއް ކަމަށެވެ.

ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ސަރުކާރުން އަޅަމުންދާ މުހިންމު ފިޔަވަޅުތަކުގެ ތެރޭގައި، ކާބޯތަކެތީގެ ރައްކާތެރިކަމުގެ ޤާނޫނުގެ ދަށުން ހަދަންޖެހޭ ގަވާއިދުތައް އެކުލަވާލުމާއި، ބޯޑަރުތަކުގައި ކާބޯތަކެތި ކޮންޓްރޯލްކުރުމުގެ ނިޒާމު ވަރުގަދަކުރުން ހިމެނެއެވެ. މީގެ އިތުރުން، ކާބޯތަކެތި މޮނިޓަރކޮށް ތަޙުލީލުކުރުމަށް ބޭނުންވާ ޤައުމީ ފަންނީ ޤާބިލުކަން އިތުރުކުރުމަށްވެސް މަސައްކަތް ކުރަމުންދާކަމަށް ރައީސް ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިތުރަށް ވިދާޅުވީ، ކާބޯތަކެތީގެ ޒަރީޢާއިން ޖެހޭ ގިނަ ބަލިތަކަކީ މުޖުތަމަޢުގެ ހުރިހާ ދާއިރާއެއްގެ އެއްބާރުލުމާއި، މަޢުލޫމާތުގެ މައްޗަށް ބިނާވެފައިވާ ވަރުގަދަ ނިޒާމުތަކެއްގެ އެހީގައި ހުއްޓުވިދާނެ ބަލިތަކެއް ކަމަށެވެ. އަދި މިކަމުގައި އެންމެހާ ފަރާތްތަކުގެ ބައިވެރިވުން މުހިންމުކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މި މެސެޖުގައި ރައީސް ވަނީ ޣައްޒާ ފަދަ ހަނގުރާމައިގެ ސަބަބުން ހާލުގައި ޖެހިފައިވާ ސަރަޙައްދުތަކުގައި، ރައްކާތެރި ނޫން ކާބޯތަކެއްޗާއި ތަޣައްޔަރުވެފައިވާ ފެނުގެ ސަބަބުން އިންސާނުން އުފުލަމުންދާ ތަކުލީފުތަކާ މެދު ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އެމަނިކުފާނު ވަނީ ބައިނަލްއަޤުވާމީ މުޖުތަމަޢުން ގުޅިގެން މިފަދަ ގޮންޖެހުންތަކަށް ޙައްލު ހޯދުމަށް މަސައްކަތްކުރުމަށް ގޮވާލައްވާފައެވެ.

ރައީސްގެ މެސެޖު ނިންމަވާލެއްވީ، ބައިނަލްއަޤުވާމީ މިންގަނޑުތަކަށް ތަބާވެ، އެންމެން ގުޅިގެން މަސައްކަތް ކުރުމުން އެންމެނަށް ރައްކާތެރި މުސްތަޤުބަލެއް ބިނާކުރެވިދާނެ ކަމުގެ ޔަޤީންކަން ދެއްވަމުންނެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *