އިންތިޚާބަކަށް ފަހު އިންތިޚާބެއްގައި ރައްޔިތުން މި ސަރުކާރަށް "ނޫނެކޭ" ބުނަމުންދާ ކަމަށް ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ބައި-އިލެކްޝަނެއް ކާމިޔާބު ކުރެއްވި އެމްޑީޕީގެ ކެންޑިޑޭޓް ޢަބްދުﷲ ޞާދިޤް (ސޯބެ) އަށް މަރުޙަބާ ވިދާޅުވެ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
ރައީސް ޞާލިޙް ވިދާޅުވީ ޢަބްދުﷲ ޞާދިޤް މަޖިލީހަށް ވަޑައިގަންނަވަނީ ވަރަށް މުހިންމު ވަގުތެއްގައި ކަމަށާއި، މަޖިލީހަށް މިވަގުތު ތިޔަފަދަ ބޭފުޅުންގެ ބޭނުން ވަރަށް ބޮޑަށް ޖެހިފައިވާ ކަމަށެވެ. އަދި ސޯބެ މަޖިލީހާ ގުޅިވަޑައިގަތުމަކީ އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕަށް ލިބިގެންދާނެ އިތުރު ބާރެއްގެ ގޮތުގައި އެމަނިކުފާނު ސިފަކުރެއްވިއެވެ.
ސަރުކާރަށް ފާޑުވިދާޅުވަމުން ރައީސް ޞާލިޙް ވިދާޅުވީ، އިންތިޚާބަކަށް ފަހު އިންތިޚާބެއްގައި ރައްޔިތުން ދަނީ މި ސަރުކާރަށް ނޫނެކޭ ބުނަމުން، ކަމަށެވެ. މިއީ ރައްޔިތުންގެ ޙައްޤުގައި ރައްޔިތުންގެ މަޖިލީހުގައި ގިނަ މަސައްކަތްތަކެއް ކުރަން ޖެހިފައިވާ ވަގުތެއް ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރައީސް ޞާލިޙްގެ ވާހަކަފުޅު ނިންމާލައްވާފައިވަނީ ޢަބްދުﷲ ޞާދިޤަށް މަޖިލީހުގައި ކާމިޔާބު ދުވަސްތަކަކަށް އެދިވަޑައިގަންނަވަމުންނެވެ. މި ކާމިޔާބީއާއެކު އިދިކޮޅު އެމްޑީޕީން ދަނީ ސަރުކާރުގެ ސިޔާސަތުތަކަށް ރައްޔިތުންގެ ތާއީދު ނެތްކަން ހާމަވަމުންދާ ކަމަށް ބުނަމުންނެވެ.


