ދުނިޔޭގެ ކާބޯތަކެތީގެ ރައްކާތެރިކަމުގެ ދުވަހުގެ މުނާސަބަތުގައި، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ކާބޯތަކެތީގެ ރައްކާތެރިކަމުގެ މުހިންމުކަމާ ގުޅޭގޮތުން ހާއްސަ މެސެޖެއް ދެއްވައިފިއެވެ. އެކަމަނާގެ މެސެޖުގައި، ކާބޯތަކެތީގެ ޒަރީއާއިން ފެތުރޭ ބަލިތައް ނައްތާލުމަށާއި ސިއްހީ ނިޒާމަށް އޮންނަ ބުރަ ކުޑަކުރުމަށް ރައްކާތެރި ކާބޯތަކެތި އަދާކުރާ ދައުރު ފާހަގަކުރެއްވިއެވެ.
މެޑަމް ސާޖިދާ ވިދާޅުވީ ކާބޯތަކެތީގެ ރައްކާތެރިކަމަކީ އެންމެންގެ ޒިންމާއެއް ކަމަށެވެ. މީގެ ތެރޭގައި ކާބޯތަކެތީގެ ވިޔަފާރިކުރާ ފަރާތްތަކާއި، ސިއްހީ ދާއިރާގެ މާހިރުންގެ އިތުރުން ކާބޯތަކެތި ބޭނުންކުރާ އާންމު ރައްޔިތުންވެސް ހިމެނޭކަމަށް އެކަމަނާ ފާހަގަކުރެއްވިއެވެ.
"ކާބޯތަކެތީގެ ރައްކާތެރިކަމަކީ އެންމެންގެ ހިއްސާ އޮތް ޒިންމާއެއް. ކާބޯތަކެތި އުފެއްދުމާއި، ތައްޔާރުކުރުމާއި، ވިއްކުމާއި އަދި ބޭނުންކުރުމުގައިވެސް އެއީ ތަޣައްޔަރުވުމުންނާއި ގެއްލުންހުރި މާއްދާތަކުން ސަލާމަތްވެފައިވާ ތަކެތިކަން ކަށަވަރުކުރުމުގައި އަޅުގަނޑުމެން ކޮންމެ މީހެއްގެ ދައުރެއްވޭ،" ފަސްޓް ލޭޑީ ވިދާޅުވިއެވެ.
އެކަމަނާ އިތުރަށް ވިދާޅުވީ، އެންމެން ގުޅިގެން މަސައްކަތްކޮށް، ކާބޯތަކެތީގެ ރައްކާތެރިކަމުގެ އުސޫލުތައް ކުރިއަރުވައިފިނަމަ، އާންމު ސިއްހަތު ރައްކާތެރިކުރެވޭނެ ކަމަށެވެ. އަދި މީގެ ސަބަބުން މުޖުތަމައުތައް ނުރައްކާތަކުން ސަލާމަތްވެ، އެންމެންނަށް ސިއްހަތު ރަނގަޅު މުސްތަގުބަލެއް ބިނާކުރުމަށް މަގުފަހިވާނެކަމަށްވެސް އެކަމަނާ ވިދާޅުވިއެވެ.


