Wednesday, 29 July 2026
ރައީސް އޮފީހުން ގެނެސްދޭ 'ދަ ޕަލްސް' ޕޮޑްކާސްޓް ، އެޕިސޯޑް-1

ރައްޔިތުންގެ ވިންދާ ގުޅޭ ކަންކަމަށް އަމާޒުކޮށް ރައީސް އޮފީހުން 'ދަ ޕަލްސް' ޕޮޑްކާސްޓް ފަށައިފި

މުޖުތަމަޢުގެ ވިންދާ ގުޅިފައިވާ މުހިންމު ކަންކަމަށް އަމާޒުކުރައްވައިގެން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން، "ދަ ޕަލްސް" ގެ ނަމުގައި އައު ޕޮޑްކާސްޓް ސިލްސިލާއެއް މިއަދު ފައްޓަވައިފިއެވެ. މި ޕޮޑްކާސްޓަކީ ރައްޔިތުންގެ ވިންދާ ގުޅޭ މުހިންމު ދާއިރާތަކާމެދު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ވިސްނުންފުޅުތަކާއި ސަރުކާރުގެ ސިޔާސަތުތައް ހާމަކުރުމަށް ފަރުމާކޮށްފައިވާ ޕްރޮގްރާމެކެވެ.

މި ޕޮޑްކާސްޓްގެ ފުރަތަމަ އެޕިސޯޑް މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މީސްމީޑިއާ މަންސަތަކުގައި ވަނީ އާންމުކޮށްފައެވެ. މިއަދަކީ ދުނިޔޭގެ ތިމާވެށީގެ ދުވަސް ކަމަށްވާތީ، ފުރަތަމަ އެޕިސޯޑް ޚާއްޞަކުރައްވާފައިވަނީ ތިމާވެށީގެ މައުޟޫޢަށެވެ. މި އެޕިސޯޑުގައި ތިމާވެއްޓާ ގުޅިގެން އާންމު ރައްޔިތުން ފާޅުކުރި ބައެއް ޚިޔާލުތަކާއި، މޫސުމީ ބަދަލުތަކުގެ ސަބަބުން ރަށްރަށަށް އުދައެރުމާއި ކުނި ނައްތާލުމުގައި ހުރި ކަންބޮޑުވުންތަކަށް ރައީސް ވަނީ ބައްލަވާލައްވާފައެވެ.

ތިމާވެށީގެ މައްސަލަތަކަށް ރިޢާޔަތްކުރައްވައި ރައީސް މުޢިއްޒު ވިދާޅުވީ، ރާއްޖެއަކީ ނާޒުކު ޤައުމެއް ނަމަވެސް، ތިމާވެށީގެ ކަންކަމުގައި ރާއްޖެއަކީ ދުނިޔޭގެ ފެންވަރުގައި ލީޑަރޝިޕް ނަގާ ޤައުމެއް ކަމަށެވެ. "ތަރައްޤީއާއި ތިމާވެއްޓަކީ އެކުއެކުގައި ގުޅިލާމެހިގެން، އެއްކަމަކުން އަނެއްކަމަކަށް ފައިދާކުރާ، ވަށާޖެހޭ ގޮތަށް އޮންނަ ދެ ކަންތައް،" ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ސިޓީތަކާއި ރަށްތައް ފެހިކުރުމަށް ހިންގާ 5 މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމްގައި ހުރިހާ ރައްޔިތުން ބައިވެރިވުމަށް އެމަނިކުފާނު ގޮވާލެއްވިއެވެ.

މި ޕޮޑްކާސްޓް ސިލްސިލާ ކުރިއަށް ގެންދިއުމަށް ރޭވިފައިވަނީ ދެ ބަޔަކަށް ބަހާލައިގެންނެވެ. ފުރަތަމަ ބައިގައި ސަރުކާރުގެ އިސް ތަރުޖަމާނު މުޙައްމަދު ޝަރީފާ ރައީސް ވާހަކަފުޅު ދައްކަވާއިރު، ދެވަނަ ބައިގައި ރާއްޖޭގެ ޒިންމާދާރު ނޫސްވެރިއަކަށް އެކްސްކްލޫސިވް ބަސްދީގަތުމެއް ދެއްވާނެއެވެ. އެގޮތުން ފުރަތަމަ އެޕިސޯޑުގެ މި ބައިގައި ބައިވެރިވެވަޑައިގަތީ 'ވަގުތު' ނޫހުގެ ނޫސްވެރިޔާ ޔާމީން މުޙައްމަދެވެ.

ސަރުކާރުގެ އިސް ތަރުޖަމާނު ވިދާޅުވި ގޮތުގައި، "ދަ ޕަލްސް" އަކީ ރައްޔިތުންގެ ވިންދު ހުރި ގޮތް ދެނެގަނެ، އެކަންކަން ރައީސުލްޖުމްހޫރިއްޔާއަށް ހުށަހަޅައި، އެ މައުޟޫޢުތަކުގައި ސަރުކާރުން ގެންގުޅޭ ސިޔާސަތުތައް ރައްޔިތުންނަށް ސާފުކޮށްދިނުމަށް ފެށި ޚާއްޞަ މަސައްކަތެކެވެ. މި ޕޮޑްކާސްޓްގެ ކޮންމެ އެޕިސޯޑެއްވެސް ޚާއްޞަވާނީ ވަކި މައުޟޫޢަކަށެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *