Tuesday, 28 July 2026
މީގެ ކުރިން ބައި-އިލެކެޝނުގެ ވޯޓުލުމުުގެ ތެރެއިން---ފޮޓޯ: އީސީ

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގެ ވޯޓުލުން ފަށައިފި

ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ހުސްވުމާ ގުޅިގެން ބާއްވާ ބައި-އިލެކްޝަންގެ ވޯޓުލުން މިއަދު ހެނދުނު ފަށައިފިއެވެ. މިއަދު ހެނދުނު 8:00 އިން ފެށިގެން ކުރިއަށްދާ މި ވޯޓުލުން މިއަދު ހަވީރު 16:00 އާ ހަމައަށް ކުރިއަށްދާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން މައުލޫމާތު ދެއެވެ.

މި އިންތިހާބުގައި ވޯޓުލުމަށްޓަކައި ޖުމްލަ ހަތް ވޯޓު ފޮއްޓެއް ވަނީ ބަހައްޓާފައެވެ. އެގޮތުން އައްޑޫ ސިޓީގެ ހިތަދޫ ސްކޫލުގައި ފަސް ފޮށި ބަހައްޓާފައިވާއިރު، މާލޭގައި ދިރިއުޅޭ އެ ދާއިރާގެ ރައްޔިތުންނަށް ވޯޓުލުމަށްޓަކައި ދަރުމަވަންތަ ސްކޫލުގައި ދެ ފޮއްޓެއް ވަނީ ބަހައްޓާފައެވެ. މި އިންތިހާބުގައި ވޯޓުލުމުގެ ހައްގު ޖުމްލަ 4,121 މީހަކަށް ލިބިގެންވެއެވެ.

މި ގޮނޑިއަށް ވާދަކުރައްވަނީ މައިގަނޑު ދެ ޕާޓީގެ ކެންޑިޑޭޓުންނެވެ. އެއީ ސަރުކާރު ހިންގާ ޕީއެންސީގެ ފަރާތުން އައްޑޫ ސިޓީ ކައުންސިލުގެ ކުރީގެ މެންބަރު އަޙްމަދު ސަޢީދު (ސޮޑާ) އާއި އިދިކޮޅު އެމްޑީޕީގެ ފަރާތުން އައްޑޫ ސިޓީގެ ކުރީގެ މޭޔަރު އަބްދުﷲ ސޯދިގު (ސޯބެ) އެވެ.

ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ހުސްވީ އެ ދާއިރާގެ މެންބަރުކަމުގައި ކުރިން ހުންނެވި މުހައްމަދު ސިނާނުގެ މައްޗަށް ސާބިތު ދަރަންޏެއް އޮތް ކަމަށް ސުޕްރީމް ކޯޓުން ކަނޑައެޅުމާ ގުޅިގެން އޭނާގެ މެންބަރުކަމުގެ ޝަރުތު ގެއްލުމުންނެވެ. ޕީއެންސީގެ ޓިކެޓުގައި ވާދަކުރައްވާ ސަޢީދަކީ ސިނާނުގެ ތާއީދާއެކު ނުކުންނެވި ކެންޑިޑޭޓެއްކަން ފާހަގަކޮށްލެވެއެވެ.

މިހާރު އޮތް 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އަދަދުތަކަށް ބަލާއިރު، ވެރިކަންކުރާ ޕީއެންސީގެ 74 މެންބަރުން ތިއްބަވާއިރު، އިދިކޮޅު އެމްޑީޕީ ތަމްސީލުކުރައްވަނީ 12 މެންބަރުންނެވެ. މި އިންތިހާބުގެ ނަތީޖާއަކީ ދެ ޕާޓީއަށްވެސް ސިޔާސީ ގޮތުން މުހިންމު ނަތީޖާއަކަށް ވެގެންދާނެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *