Tuesday, 28 July 2026
ކީރިތި ޤުރުއާން ކިޔެވުމުގެ 37 ވަނަ ޤައުމީ މުބާރާތް -- ފޮޓޯ: ޕީއެސްއެމް

ކީރިތި ޤުރުއާން ކިޔެވުމުގެ 38 ވަނަ ޤައުމީ މުބާރާތުގެ އޮޑިޝަންތައް ފަށައިފި

ކީރިތި ޤުރުއާން ކިޔެވުމުގެ 38 ވަނަ ޤައުމީ މުބާރާތުގެ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެނައުމަށްފަހު، މުބާރާތުގެ އޮޑިޝަންތައް ރަސްމީކޮށް ފަށައިފިއެވެ. އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާއިން ހާމަކުރެއްވި ގޮތުގައި، މިއަހަރުގެ އޮޑިޝަންތައް ކުރިއަށްދާނީ އަތޮޅުތައް ވަކިން ބަހާލައިގެންނެވެ. އެގޮތުން މިއަދާއި މާދަމާ ހއ. ދިއްދޫ، ހއ. ހޯރަފުށި، ކުޅުދުއްފުށި ސިޓީ، ށ. ފުނަދޫ އަދި ނ. މަނަދޫގައި އޮޑިޝަންތައް ކުރިއަށްދާއިރު، ކުރިއަށް އޮތް ޖޫން މަހުގެ ތެރޭގައި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި މި ބުރުތައް ބޭއްވުމަށް ވަނީ ތާވަލުކޮށްފައެވެ.

މިފަހަރުގެ މުބާރާތަށް މުޅި ރާއްޖެއިން 3,053 ބައިވެރިން ކުރިމަތިލާފައިވާއިރު، މާލެ ސަރަހައްދުގެ އޮޑިޝަންތައް ބޭއްވުމަށް ހަމަޖެހިފައިވަނީ ޖުލައި މަހުގެ ކުރީކޮޅުގައެވެ. މާލެ އަތޮޅުގެ ރަށްތަކަށް ޚާއްޞަ އޮޑިޝަން ޖުލައި 3 އާއި 4 ގައި ބޭއްވުމަށްފަހު، މާލެ ސިޓީގެ ބައިވެރިންގެ އޮޑިޝަންތައް ޖުލައި 5 އިން 11 އަށް ކުރިއަށްދާނެއެވެ. މި އޮޑިޝަންތަކަށްފަހު މުބާރާތުގެ މައިގަނޑު ކިޔެވުންތައް ފެށުމަށް ހަމަޖެހިފައިވަނީ ސެޕްޓެމްބަރު މަހުގެ 10 ވަނަ ދުވަހުއެވެ.

މުބާރާތް ކުރިއަށް ގެންދާނީ އޮޑިޝަން، ސެމީފައިނަލް އަދި ފައިނަލް ބުރު ހިމެނޭހެން ތިން ބަޔަކަށް ބަހާލައިގެންނެވެ. ސެމީފައިނަލަށް ހޮވޭނީ އޮޑިޝަނުން %80 އަށްވުރެ މަތިން މާކްސް ހޯދާ ބައިވެރިންގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 500 ބައިވެރިންނެވެ. އަދި ފައިނަލް ބުރަށް ދާނީ ސެމީފައިނަލުން %85 އަށްވުރެ މަތިން މާކްސް ހޯދާ އެންމެ މޮޅު 150 ބައިވެރިންނެވެ. މިފަހަރުގެ މުބާރާތުގެ އިންސާފުކުރުމުގައި ބައިނަލްއަޤުވާމީ ފެންވަރުގެ ފަނޑިޔާރުން ބައިވެރިވާނެކަމަށް އެ ވުޒާރާއިން ވިދާޅުވެއެވެ.

މި މުބާރާތުގެ އެކި ޢުމުރުފުރާތަކުން ބަލައިގެންނާއި ނުބަލައި ކިޔެވުމުގެ ގޮފިން ވަނަވަނައަށް އަންނަ ފަރާތްތައް ހޮވުމުގެ އިތުރުން، މުޅި މުބާރާތުން އެންމެ މޮޅު ތިން ބައިވެރިން ހޮވުމަށް ވަނީ ހަމަޖެހިފައެވެ. މީގެ ތެރޭގައި ޙާފިޡުންގެ ބައިންވެސް ވަނަތައް ހޮވޭނެއެވެ. މުޅި މުބާރާތުން އެއްވަނައަށް ހޮވޭ ނަސީބުވެރި ބައިވެރިޔާއަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމު ލިބިގެންދާނެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *