ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ކެބިނެޓަށް މިފަހުން ގެނައި ބަދަލުތަކާ ގުޅިގެން، ހެލްތު މިނިސްޓަރުގެ މަގާމުން ވަކިވެވަޑައިގެންނެވި އަބްދުﷲ ނާޒިމް އަނެއްކާވެސް ރައީސް އޮފީހުގެ އިސް މަގާމަކަށް އައްޔަނުކޮށްފިއެވެ. ނާޒިމް އަލުން އައްޔަނުކުރެއްވީ ކުރިންވެސް އޭނާ ފުރުއްވި ރައީސް އޮފީހުގެ ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީގެ މަގާމަށެވެ.
ސަރުކާރު އެންމެ ފުރަތަމަ އުފެދިގެން އައިއިރުވެސް ނާޒިމް ހުންނެވީ ރައީސް އޮފީހުގެ އެ މަގާމުގައެވެ. އޭނާ ހެލްތު މިނިސްޓަރުގެ މަގާމަށް އައްޔަނުކުރެއްވީ 2024 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ. ނަމަވެސް، ކެބިނެޓަށް ގެނައި ކުއްލި ބަދަލުތަކާ އެކު އޭނާ ވަނީ ވަޒީރުކަމުން ވަކިކުރައްވާފައެވެ. މި ބަދަލާ ގުޅޭ މައުލޫމާތު މިހާރު ވަނީ ރައީސް އޮފީހުގެ ވެބްސައިޓުގައި އާންމުކޮށްފައެވެ.
ކެބިނެޓަށް ގެނައި މި ބަދަލުތަކުގައި ބައެއް ވަޒީރުން ވަނީ އިސްތިއުފާ ދެއްވާފައެވެ. ވަޒީރުކަމުން ވަކިވި ބައެއް ބޭފުޅުން ދައުލަތުގެ އެހެނިހެން އިސް މަގާމުތަކަށާއި ރާއްޖޭގެ ޑިޕްލޮމެޓިކް މިޝަންތަކަށް އައްޔަނުކުރުމަށް ވަނީ ނިންމާފައެވެ. އެގޮތުން، ކުރީގެ ލޯކަލް ގަވަމެންޓް މިނިސްޓަރު އާދަމް ޝަރީފް ގަތަރުގައި ހުންނަވާ ސަފީރުކަމަށް އައްޔަންކުރުމަށް ވަނީ ނިންމާފައެވެ.
މީގެ އިތުރުން، ކުރީގެ ޓޫރިޒަމް މިނިސްޓަރު ތޯރިގު އިބްރާހިމް ޔޫއޭއީގެ ސަފީރުކަމަށް އައްޔަންކުރުމަށް ރުހުން ހޯދުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާފައެވެ.


