މާލެއަށް ބޯކޮށް ވާރޭވެހި މަގުތަކުގައި ފެންބޮޑުވުމާ ގުޅިގެން، ފެން ހިންދުމުގެ މަސައްކަތުގައި އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން ހަރަކާތްތެރިވާން ފަށައިފިއެވެ. އެމްއެންޑީއެފުން މައުލޫމާތު ދީފައިވާ ގޮތުގައި، މާލޭގެ ބައެއް ސަރަހައްދުތަކުގައި ފެންބޮޑުވެ އާންމު ދަތުރުފަތުރަށް ދަތިވަމުންދާތީ، ޕަމްޕު ބޭނުންކޮށްގެން ފެން ހިންދުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.
ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައާ ގުޅިގެން މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން ވަނީ ރާއްޖޭގެ އެކި ހިސާބުތަކަށް ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކޮށްފައެވެ. މިއަދު ހަވީރު 18:00 އާ ހަމައަށް މޫސުން ކުރިއަށް ލަފާކުރާ ގޮތަށް ބަލާއިރު، ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަކުރުމާއެކު ގުގުރާނެ ކަމަށާއި، ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށް އެ އިދާރާއިން ވިދާޅުވެފައިވެއެވެ.
ވައިގެ ހާލަތަށް ބަލާއިރު، ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 8 މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ލަފާކުރެވޭއިރު، އެހެން ސަރަހައްދުތަކަށް ވައިގެ ބާރުމިން ހުންނާނީ ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގައެވެ. އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށްވެސް މެޓް އޮފީހުން މައުލޫމާތު ދެއެވެ.
މީގެ އިތުރުން، މެދުރާއްޖެތެރެއާއި އުތުރުގެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭއިރު، ދެކުނުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށް ވަނީ ލަފާކޮށްފައެވެ. އެހެންކަމުން ކަނޑުދަތުރު ކުރައްވާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް ކަމާބެހޭ އިދާރާތަކުން ވަނީ އިލްތިމާސްކުރައްވާފައެވެ.


