އދ. ގެ އިގްތިސާދީ އަދި އިޖުތިމާއީ މަޖިލިސް (އިކޮސޮކް) ގެ ގޮނޑިއެއް ރާއްޖެއަށް ކާމިޔާބުވުމަކީ ކުދި ޖަޒީރާ ގައުމުތަކާއި ތަރައްގީވަމުން އަންނަ ގައުމުތަކުގެ ބޭނުންތަކަށް ވަކާލާތުކުރުމަށް ލިބުނު ވަރުގަދަ ފުރުސަތެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. ރާއްޖެއިން މި ގޮނޑި ކާމިޔާބުކޮށްފައިވަނީ 2027 އިން 2029 ވަނަ އަހަރުގެ ނިޔަލަށެވެ.
މިއީ އދ. ގެ މެންބަރު ގައުމަކަށް ރާއްޖެވިތާ 60 އަހަރުގެ ދިގު ތާރީޚުގައި އިކޮސޮކްގެ މެންބަރުކަން ރާއްޖެއަށް ލިބުނު ފުރަތަމަ ފަހަރެވެ. މި ތާރީޚީ ކާމިޔާބީއާ ގުޅިގެން ރައީސް ވިދާޅުވީ މިއަދަކީ ދިވެހިރާއްޖޭގެ ތާރީޚުގައި ފަޚުރުވެރި އަދި ނުހަނު މުހިންމު ދުވަހެއް ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވި ގޮތުގައި މި އިންތިޚާބުން ރާއްޖެއަށް ލިބުނު ކާމިޔާބީއަކީ ބައިނަލްއަގުވާމީ މައިދާނުގައި ރާއްޖެއަށް އޮތް އިތުބާރު ހާމަކޮށްދޭ ކަމެކެވެ. އަދި މިއީ އެހެން ގައުމުތަކާ ގުޅިގެން މަސައްކަތްކުރުމަށް ރާއްޖެއިން ކުރަމުންދާ ހަރުދަނާ މަސައްކަތްތަކަށް ލިބުނު ބޮޑު ކުރިއެރުމެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމެއްގެ ހައިސިއްޔަތުން، މޫސުމީ ބަދަލުތަކާއި އިގްތިސާދީ ގޮންޖެހުންތަކުގެ އިތުރުން ދެމެހެއްޓެނިވި ތަރައްގީއަށް ހުރި ހުރަސްތައް ރާއްޖެއަށް ވަރަށް ރަނގަޅަށް އިހުސާސްކުރެވޭ ކަމަށް ރައީސް ވިދާޅުވިއެވެ. އެހެންކަމުން، އިކޮސޮކްގެ މި ގޮނޑިއާއެކު، ކުދި ޖަޒީރާ ގައުމުތަކުގެ އުންމީދުތަކާއި އިސްކަންދޭ ކަންކަން ބައިނަލްއަގުވާމީ ސަމާލުކަމަށް ގެނައުމަށް ރާއްޖެއަށް އިތުރު ބާރެއް ލިބިގެންދާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރާއްޖޭގެ މެންބަރުކަމުގެ ދައުރުގައި ބައިނަލްއަގުވާމީ ބައިވެރިންނާ ގުޅިގެން، ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތައް ހާސިލުކުރުމަށާއި، އިންސާފުވެރި މާލީ ނިޒާމެއް ގާއިމުކުރުމަށް ބާރުއަޅާނެ ކަމަށް ރައީސް ވިދާޅުވިއެވެ. މީގެއިތުރުން އިކޮސޮކް މެދުވެރިކޮށް، ގައުމުތަކުގެ ކުރިމަގު ބައްޓަންކުރުމުގައި ހަރުދަނާ ނަތީޖާތަކެއް ނެރުމަށް ރާއްޖެއިން އިސްދައުރެއް އަދާކުރާނެ ކަމުގެ ޔަގީންކަންވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ދެއްވާފައެވެ.


