Tuesday, 28 July 2026
ފޮޓޯ: އެމްޕީއެލް

ކޮލަމްބޯ ބަނދަރުގައި މުދާ ތާށިވި މައްސަލަ އެއްކޮށް ހައްލު ކޮށްފި

ސްރީލަންކާގެ ކޮލަމްބޯ ޕޯޓުގައި ރާއްޖެއަށް ގެންނަން ހުރި މުދާ ކޮންޓެއިނަރުތައް ތާށިވެ، މުދާ ލިބުމުގައި ދިމާވި ދަތިތަކަށް މުޅިން ހައްލެއް ލިބިފައިވާ ކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ހާމަކޮށްފިއެވެ. މިއަހަރުގެ ކުރީކޮޅު މާލޭ ވިޔަފާރި ބަނދަރަށް މުދާ ބޭލުމުގައި ދިމާވި ލަސްތަކާ ގުޅިގެން ކޮލަމްބޯ ބަނދަރުގައި ގިނަ އަދަދެއްގެ މުދާ ވަނީ މަޑުޖެހިފައެވެ.

ދުނިޔޭގެ މަސްރަހުގައި ހިނގަމުންދާ ހަނގުރާމަތަކާއި ސިޔާސީ ނުތަނަވަސްކަމުގެ ސަބަބުން ޝިޕިންގް ދާއިރާއަށް ކުރިމަތިވި ގޮންޖެހުންތަކާއެކު، ކޮލަމްބޯ ބަނދަރުގައި ރާއްޖެއަށް ގެންނަން ހުރި ގާތްގަނޑަކަށް 4،200 ކޮންޓެއިނަރު ތާށިވިއެވެ. މި މުއްދަތުގެ ތެރޭގައި ދެ ގައުމުގެ ދެމެދުގައި އާގުބޯޓު ފަހަރު ދަތުރުކުރި ނަމަވެސް، މުދާ ކްލިއަރ ކުރުމުގައި ބޮޑެތި ހުރަސްތަކެއް ކުރިމަތިވެފައިވެއެވެ.

މި މައްސަލައާ ގުޅިގެން އިޤްތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު މީގެ ކުރިން ވިދާޅުވެފައިވަނީ، ބާޒާރުގައި މުދާ ހުސްވިޔަ ނުދިނުމަށާއި، މުދާ ލިބުން ލަސްވުމުން ކުރިމަތިވެދާނެ ނޭދެވޭ އަސަރުތައް ކުޑަކުރުމަށް ސަރުކާރުން ހާއްސަ އިސްކަމެއް ދީގެން މަސައްކަތް ކުރަމުންދާ ކަމަށެވެ. އެގޮތުން ކަމާބެހޭ ފަރާތްތަކާ ގުޅިގެން މުދާ އަވަހަށް ގެނައުމުގެ އިންތިޒާމުތައް ވަނީ ރޭވިފައެވެ.

އެމްޕީއެލް އިން މިއަދު ކަށަވަރުކޮށްދިން ގޮތުގައި، ސަރުކާރުގެ އެކި މުއައްސަސާތަކުން ގުޅިގެން ކުރި ހިތްވަރުގަދަ މަސައްކަތުން، ކޮލަމްބޯގައި ހުރި މުދާ ގެނައުމުގައި ހުރި ހުރިހާ ހުރަސްތަކެއް މިހާރު ވަނީ ނިމުމަކަށް އައިސްފައެވެ. މިއާއެކު މުދާ ލިބުމުގެ ސިލްސިލާ މިހާރު ވަނީ އާންމު ހާލަތަކަށް ރުޖޫޢަވެފައެވެ.

ބައިނަލްއަގުވާމީ ގޮތުން އީރާނަށް އަމާޒުކޮށް ދެމުންދާ ހަމަލާތަކުގެ ސަބަބުން ދުނިޔޭގެ މުދާ އުފުލުމުގެ ނިޒާމަށް ބޮޑެތި ލޮޅުންތަކެއް އަރަމުންދާއިރު، ރާއްޖެއަށް ބޭނުންވާ އަސާސީ މުދާ މެދުނުކެނޑި ލިބޭނެކަން ކަށަވަރުކުރުމަށް އިގްތިސާދީ ވުޒާރާއިން ދަނީ މެދުނުކެނޑި ފިޔަވަޅުތައް އަޅަމުންނެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *